އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ތުހުމަތުކުރާ މީހަކާ އެކު ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އައްޑޫގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަނުގައި އިބްރާހިމް ރަޝީދު (އަބުޗާ)އާއި ބޮންޑާގެ އިތުރުން އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި މެރިން ޕޮލިސް ވެސް ބައިވެރިވެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މަސްތުވާތަކެތި ފުލުހުން ހޯދީ ކަނޑުމަތިންނެވެ.

ބޮންޑާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ރާއްޖޭގެ ބޮޑެތި ކްލަބުތައް ކަމުގައިވާ ނިއުރޭޑިއަންޓާއި ވީބީ އާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އޭނާ ހޯދާފައިވެ އެވެ.