ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަސޭހަތް ދިނުމުން ވެސް އިސްލާހުނުކޮށް ފެނަކަ ކޯޕަރޭޝަނުން އަނެއްކާވެސް ކޮރަޕްޝަން ހިންގަން ފަށައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފިޝަލަކު ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް މިދިޔަ ސެޕްޓެމްބަރު 14 ގައި ހުށަހެޅި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ބަލަން ޑިސެމްބަރު ހަތެއްގައި ކޮމިޝަނުން ނިންމައި، ތަހުގީގުކުރަމުން އަންނަކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިހާރު އޭސީސީން ބަލަމުން އަންނަނީ ފުވައްމުލައް ސިޓީގައި ޕްރޮޖެކްޓެއް ގެންދަން ހައުސިން މިނިސްޓްރީއަށް އަނބުރާ ދޭގޮތަށް ފެނަކައިން 500 ހޮޅި ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އެވެ.

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަކީ ގާނޫނީ ގޮތުން އެކަން އޮންނަގޮތެވެ. ނަމަވެސް ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގު ނިންމައި ފޮނުވަނީ ރައީސް އޮފީހަށެވެ.

ފެނަކައިގެ އެމްޑީ ސައީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގައްދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވައި ކެމްޕެއިން ފައްޓާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވިދާޅުވެފައި ވަނީ ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އޭސީސީން ތަހުގީގު ނިންމައި ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އަނެއްކާވެސް އެ ކުންފުނިން އަންނަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންނެވެ. އަދި މީގެކުރިން ހިންގި ކޮރަޕްޝަން މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވާފައިނުވާއިރު، އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ނުފޫޒުން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވެ އެވެ.

ފެނަކައިގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވެނީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދަށެވެ. ނަމަވެސް ޝިޔާމުގެ ނުފޫޒުން ސައީދަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ތުހުމަތު ކުރެ އެވެ.