ބައިނަލްއަގުވާމީ ފެންވަރުގައި ޑްރަގް ވިޔަފާރިކުރަމުން ދިޔަ ދިވެހިންގެ ބަޔަކު ކަނޑުމަތިން މިއަދު އަތުލައިގެންފި އެވެ.
ޕާކިސްތާނުގެ ނޫހެއްގައި ބުނެފައި ވަނީ އެ ނެޓްވޯކް އަތުލައިގެންފައިވަނީ ބައިނަލްއަގުވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ގުޅިގެން އަރަބިއަން ސީގެ ރާއްޖޭގެ ސަރަހައްދުން ކަމަށެވެ. އެ ނެޓްވޯކާއެކު އަތުލައިގަތް ޑްރަގްގެ އަގު އެތައް މިލިއަން ޑޮލަރެއް އަރާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ޑްރަގް ނެޓްވޯކް އަތުލައިގަތް ކުރު ވީޑިއޯއެއް ވެސް މިހާރު އަންނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޑިންގީއެއް ކަހަލަ އުޅަނދެއްގައި ތިބި ބަޔަކު ފުލުހުން ފެނުމުން ވަނީ ބަންދުކޮށްފައި ޑްރަގް ޕާރުސަލްތަކެއް ކަނޑުމައްޗަށް އުކާލައިފަ އެވެ. އަދި ބައެއް ޕާރުސަލްތައް ޑިންގީގައި ހުރިތަން ވެސް ފެނެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ތަފުސީލެއް ނުދިން ނަމަވެސް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ ތަރުޖަމާނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ކަނޑުމަތީގައި ހިންގި އެ އޮޕަރޭޝަނުގައި ތިން މީހަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ވެސް އަތުލައިގަނެވުނީ ޕާކިސްތާނުގެ އިންޓެލިޖެންސް އިން ފޯރުކޮށްދިން މައުލޫމާތުގެ އަލީގައި ވަގުތުން ވަގުތަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އައްޑޫގައި މިއަދު ހިނގި ޑްރަގް ބޮޑު އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ހިންގާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ފުލުހުން ހައްޔަރުކުރި އިބްރާހިމް ރަޝީދު (އަބުޗާ) ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކުރީ ކަނޑުމަތިންނެވެ. ލަފާކުރެވެނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު އަތުލައިގަތީ އަބުޗާގެ ނެޓްވޯކެވެ.
މި އޮޕަރޭޝަނާ ބެހޭ ތަފުސީލެއް ނުދިން ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫގައި ޑްރަގާ ބެހޭ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި މީހުންތަކެއް ހައްޔަރުކޮށް އެކަށީގެންވާ އަދަދަކަށް ޑްރަގް އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ޑިވިޝަނަލް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ސައުތު ރީޖަނަލް ޕޮލިސް ވެސް ބައިވެރިވަމުން އަންނަ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
މާދަން ދޫކޮށްލާނެ.މި ސަރުކާރަކީ ކުށްކުރުން މަދުކޮށް އިންސާފު ހޯދައިދެވޭނެ ސަރުކާރެއްނުން.ކުޑަކުދިންނާ ބެހުނަސް ޕާޓީ ވެއްޖެއްޔާ ސަލާމަތްކޮށްލާނެ.މިހާރު އެހެރީ ހުވަދު އަތޮޅު ރަށެއްގައި ކުޑަކުއްޖަކާ ބެހުނު އިއްސެ ކިޔާ މީހަކު ސަލާމަތްކޮށްފަ.ނިކަމެތި މީހަކު ވެއްޖެއްޔާ ވާނުވާ ޖަހާފަ ޖަލުގަ ބާއްވަފާނެ ޕާޓީ މީހެއް ނޫނިއްޔާ.