މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި ރާނިއާ އަބްދުލް ހަމީދު ބްލެކްމެއިލް ކުރަން އުޅުނު ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމް ރާނިއާ އާ އިނުމުން އެ ދެމަފިރިންގެ އަގުވައްޓާލަން މީޑިއާގައި ހަގީގަތެއް ނެތް، ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"މިކަމަކީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރާނިއާގެ އެފްބީ އެކައުންޓް ހެކްކޮށްގެން އެ އެކައުންޓު ހެކްކުރި މީހުން އުފައްދައިގެން އުޅޭ ލިއުމާއި ފޮޓޯއެއް. މިކަން އޭރު ވެސް ޕޮލިހުންނަށް އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ގާސިމް ވިދާޅުވެފައި ވަނީ ރާނިއާގެ ފޭސްބުކް މެސެންޖާއިން ފޮނުވި ކަމަށް ބުނާ މެސެޖްތަކާއި ފޮޓޯތަކަކީ އޭނާ ބްލެކް މެއިލް ކުރަން ކުރި ކަމެއް ކަމަށެވެ.

"އެކަމަކު އެކަން ވެސް ނުކުރެވުނު. އިންޝާ ﷲ" އޭނާ ވިދާޅުވެފައިވެ އެވެ.

ގާސިމް 70، ރާނިއާ އާ ކައިވެނިކުރެއްވީ މިދިޔަ ބުރާސްފަތި ވިލޭރޭ ސަން އައިލެންޑް ރިސޯޓުގަ އެވެ. ކުރިން މާމިގިލީ އެއާޕޯޓުގައި ކުރިން ވަޒީފާ އަދާކުރި، އެ ރަށު ހަޒާރުމާގެ، ރާނިއާ 23 އަކީ ގާސިމްގެ ހަތަރުވަނަ އަނބިކަނބަލުންނެވެ.