ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވާހިދުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހު ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައިވާގެ އަޑު އެހުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިމަހުގެ ދިހަ ވަނަ ދުވަހު ބޭއްވުމަށް ނިންމި އޑު އެހުން ކެންސަލުކޮށްފައިވަނީ އަލީ ވަޙީދު ހާޒިރުނުވުމުނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދަށް ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކްރިމިނަލް ކޯޓުންނެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެފައިވާއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ.

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ހުއްދަ ދިނުމުން ގިނަ ބަޔަކު ވަނީ އެއީ މިސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތް އަލީ ވަނީ އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.