އޭޝިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ ލަގަބު މިދިޔަ މަހު ލިބިފައިވާ އިންޑިއާގެ ގައުތަމް އަދާނީ އަށް އެންމެ ހަތަރު ދުވަހުގެ ތެރޭގައި 13 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބި، އެ ލަގަބު ގެއްލިއްޖެ އެވެ.

އަދާނީއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އިންޑިއާގެ ހިއްސާގެ ބާޒާރުގައި އޭނާގެ ކުންފުނިތަކުގެ ހިއްސާގެ އަގުތައް އެތައް ގުނައެއް ދަށަށް ދިއުމުގެ ސަބަބުންނެވެ.

އަދާނީ ގްރޫޕްގެ ކުންފުނިތަކަށް ފާއިތުވެ ދިޔަ ތިންދުވަހު އެކަނިވެސް ޖުމްލަ ނުވަ ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފަ އެވެ. އެގޮތުން އަދާނީ ޕޯޓްސްގެ ހިއްސާގެ 8.5 ޕަސެންޓް ދަށްވެފައި ވާއިރު، އަދާނީ އެންޓަޕްރައިޒަސްގެ ހިއްސާގެ އަގު 5.6 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

އަދާނީ ގްރޫޕްގެ ކުންފުނިތަކުގެ ހިއްސާގެ އަގު އެހާ ދަށަށް ދިޔައީ އެ ކުންފުނިތަކާ ގުޅުން ހުރި މޮރިޝަސްގެ އެކައުންޓްތަކެއް އިންޑިއާ ސަރުކާރުން ފްރީޒްކުރުމުން ކަމަށް ބެލެވެ އެވެ.

ނަމަވެސް އަދާނީ ގްރޫޕުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް ފްރީޒް ކުރެވުނު އެކައުންޓްތަކާއި އެ ގްރޫޕްގެ ކުންފުނިތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.

ގައުތަމް އަދާނީއަށް ލިބުނު ގެއްލުމާއެކު އޭނާއަށް އޭޝިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ ލަގަބު ގެއްލުމުން ދެން އެ ލަގަބު ލިބިފައި ވަނީ ޗައިނާގެ ޒޮންގް ޝަންޝަން އަށެވެ.