ކޮލޮމްބޯ (18 ޖޫން) - ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއިން ކޮވިޑް -19 ޖެހިގެން ރެކޯޑް ކުރެވުނު ފަސް މީހަކަށް ޖެހިފައިވަނީ އެ ބަލީގެ ޑެލްޓާ ވޭރިއަންޓް ނުވަތަ އާއްމު ނަމުންނަމަ އިންޑިއާ ވޭރިއަންޓް ކަމަށް ޔުނިވާސިޓީ އޮފް ސްރީ ޖަޔަވަރްދަނަގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލިކިއިލާ މެޑިސިންގެ ޑިރެކްޓަރު ޑރ. ޗަންޑިމަ ޖީވަރްދަނަ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މި ކޭސްތައް ރިޕޯޓް ކުރެވިފައި ވަނީ ކޮލޮމްބޯގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެވުނު ރެންޑަމް ސާމްޕަލް ޓެސްޓިންގެ ތެރެއިން ކަމަށެވެ.

މިއީ ކޮމިއުނިޓީ ސްޕްރެޑްއެއްގެ ތެރެއިން ސްރީލަންކާއިން އިންޑިއާ ވޭރިއަންޓް ފެނުނު ފުރަތަމަ ފަހަރު ކަމަށް ފާހަގަ ކުރައްވަމުން ޖީވަރްދަނަ އިތުރަށް ވިދާޅުވީ މިއީ އެހެން ވޭރިއަންޓަތަކަށްވުރެ 50 ޕަސެންޓް އަވަހަށް ފެތުރޭ ވޭރިއަންޓްއަކަށްވުމާއެކު ނުރައްކާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އިންޑިއާ ވޭރިއަންޓްއަކީ ވެކްސިންގެ ފުރަތަމް ޑޯޒްގެ އަސަރު ނައްތާލާ ވޭރިއަންޓްއަކަށް ވުމާއެކު، މި ވޭރިއަންޓް ޖެހޭ ބަލި މީހުންގެ ހާލު ސީރިއަސްވުމުގެ ފުރުސަތު މާބޮޑަށް އޮތް ކަމަށް ވެސް ޖީވަރްދަނަ ވިދާޅުވެފައިވެ އެވެ.

ސްރީލަންކާއިން މީގެ ކުރިން ފެނިފައިވާ އަލްފާ ވޭރިއަންޓް އެގައުމުގެ ގިނަ ސަރަހައްދުތަކަކަށް ފެތުރިފައި ވާއިރު، އަލަށް މި ފެނުނު ވޭރިއަންޓް ވެސް މުޅި ގައުމަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. – ނިއުސްވަޔާ