މީގެ އެތައް ގަރުނެއް ކުރިން އަޑިއަށް ގޮސްފައިވާ ދެ ބޯޓެއްގެ ބައިތައް ސިންގަޕޫރުގެ ކަނޑުގެ ސަރަހައްދުގެ އަޑިން ފެނިއްޖެ އެވެ.

ފެނުނު ދެބޯޓުގެ ތެރެއިން އެއްބޯޓަކީ 14 ވަނަ ގަރުނުގެ ބޯޓެއްކަމަށް ލަފާކޮށްފައި ވާއިރު، ދެވަނަ ބޯޓު އަޑިއަށް ގޮސްފައިވަނީ 18 ވަނަ ގަރުނުގެ ތެރޭގައި ކަމަށް މާހިރުން ބުނެފައިވެ އެވެ.

ގިނަ ދުވަސްތަކެއް ވެފައިވާ މި ބޯޓުތައް ފެނުމަށް މެދުވެރިވީ އެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ކަނޑަށް އެޅުނު ދަގަނޑުގެ މައުދަންތައް ނެގުމަށް ޑައިވަރުން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.

މިހާ ހިސާބަށް ހޯދުނު ހޯދުންތަކުން 18 ވަނަ ގަރުނުގައި ފެތުނު ކަމަށް ބެލެވޭ ބޯޓަކީ މީލާދީން 1726 ވަނަ އަހަރު އަޑިއަށް ދިޔަ އިންޑިއާގެ ޝާހް މުންޗާހް ނަމަކަށް ކިޔާ ބޯޓުކަން ދެނެގަނެވިފައިވީ ނަމަވެސް ދެން ފެނުނު ބޯޓުގެ އަސްލު ދެނެގަނެވިފައެއް ނުވެ އެވެ.

ދެ ބޯޓުން ވެސް ޗައިނާގެ އާސާރީ ސެރަމިކްސްގެ ސާމާނު ގިނަ އަދަދަކަށް ފެނިފައިވެ އެވެ. މީގެ އިތުރުން ޝާހް މުންޗާހް ފެތުނު ހިސާބުން މިއުޒިކްގެ އާލާތަކާއި ލަކުޑިން ހަދާފައިވާ ތަކެތި ހޯދިފައިވެ އެވެ.

ހޯދުނު ބޯޓަކުން ފެނުނު ބައެއް ތަކެތި

ދެބޯޓުގެ އިތުރު ދިރާސާތަކާއި ތަހުލީލުތައް ކުރިއަށްދާއިރު މިއީ ސިންގަޕޫރުގެ މެރިޓައިމް ހެރިޓޭޖްއަށް ލިބުނު ބޮޑު މުއްސަނދި ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

މި ބޯޓުތަކުން ފެނިފައިވާ ސާމާނު މި އަހަރުގެ ނިޔަލަށް ސިންގަޕޫރުގެ ދާރުލް އާސާރުތަކުގައި ބެހެއްޓޭނެ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެ އެވެ.