ލަންޑަން (18 ޖޫން) - އުމުރުން 15 އަހަރުގައި އައިސިސްއާ ގުޅެން ސީރިއާއަށް ދަތުރުކުރި އިނގިރޭސިވިލާތުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ޝަމީމާ ބޭގަމްއަށް އެ ގައުމުގެ ރައްޔިތުކަން އަނބުރާ ނުދިނުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

އެކުގައި ކިޔަވަން އުޅުނު އިތުރު ދެ ކުދިންނާއެކު ސީރިއާއަށް ދިޔަ ޝަމީމާ ފެނިފައިވަނީ 2019 އަހަރު މާބަނޑުވެ އިންދަ އެވެ. އެއާއެކު ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އިނގިރޭސި ސަރުކާރުން ވަނީ އޭނާގެ ރައްޔިތުކަން އަތުލައިގެންފަ އެވެ.

އޭގެ ފަހުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޝަމީމާގެ ވަކީލުން ވަނީ އޭނާއަށް އަނބުރާ އިނގިރޭސިވިލާތަށް އާދެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

އޭނާގެ ވަކީލުން ބުނާ ގޮތުގައި ޝަމީމާއަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެ ސީރިއާގައި ޖިންސީ ފުރައްސާރައާއި ގަދަކަމުން ކުރެވުނު ކައިވެންޏެއްގެ ސަބަބުން އަނިޔާ ލިބެމުންދާ ކުއްޖެއް ކަމަށެވެ.

ނަމަވެސް ދިފާއީ ވަކީލުން ވަނީ ޝަމީމާގެ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށާއި އޭނާއަކީ ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކުރިމަތި ކުރުވާފާނެ ފަރާތެއް ކަމަށް ބުނެ އޭނާގެ ރައްޔިތުކަން ހިފެހެއްޓުމަށް އޮތް ނިންމުން ދިފާއު ކޮށްފަ އެވެ.

ޝަމީމާއަކީ ބަންގްލަދޭޝް ނަސްލުގެ ކުއްޖެއް ނަމަވެސް މި ދަނޑިވަޅުގައި އެ ގައުމުން ވެސް ވަނީ އޭނާއަށް އެ ގައުމުގެ ރައްޔިތުކަން ދޭން ދެކޮޅު ހަދާފަ އެވެ. -- އަލް އަރަބިއްޔާ