ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު މައްސަލައެއްގައި ހިމެނޭ ފަރާތަކާއި އާއިލީ ގުޅުންތަކެއް އޮތް ކަމަށް ބުނެ އެ ބެންޗުގައި އިންނަވާ އެކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އެ މައްސަލައިގެ ބެންޗުން ވަކިކޮށްދޭން އެދިފައި ވީނަމަވެސް ފައިސަލް ވަކިކޮށްދެއްވެން ނެތް ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނެފައި ވަނީ ފަނޑިޔާރު ފައިސަލް މައްސަލަ ބަލާ ބެންޗުން ވަކިކޮށްދިނުމަށް އެދި ސޭވް ދަ ޑްރީމް ވ. ހުސައިން ޝިހާމް އިސްތިއުނާފް މައްސަލައިގައި، ސޭވް ދަ ޑްރީމް ކުންފުނީގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ނާޒިމް އަބްދުއްސައްތާރު ހައިކޯޓަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ. ހައިކޯޓުން އިތުރަށް ބުނެފައި ވަނީ އެފަދަ އިޖްރާއަތެއް ނެގެހެއްޓުމުގެ ހާލަތެއް ނެތް ކަމަށެވެ.

ނާޒިމް ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއަށް މި މައްސަލައާ ގުޅިގެން ފޮނުވި ސިޓީގައި ބުނެފައިވަނީ ފަނޑިޔާރު ފައިސަލަކީ މި މައްސަލައިގައި އިސްތިޢުނާފު ރައްދުވާ ހުސައިން ޝިހާމް އަލީ އަދި ވަގުތީ އަމުރު ރައްދުވާ މާހަލް ޓްއާސްގެ ޑިރެކްޓަރު މުހައްމަދު ޝިހާމްގެ މަންމަ އާއި ފައިސަލް، އާއިލީ ގުޅުންތަކެއް އޮންނަ ކަމަށެވެ.

މި ސިޓީގައި އިތުރަށް ނާޒިމް ބުނެފައި ވަނީ ހުސައިން ޝިހާމްގެ މަންމަ ނަފީސާ އަހުމަދު ހެއްކެއްގެ ގޮތުގައި ސޮއިކުރި މާހަލް ޓްއާސްގެ ލިޔުމެއްގެ މައްސަލަ ސިވިލް ކޯޓުން މިހާރުވެސް ބަލަމުންދާ ކަމަށެވެ. ނަފީސާ އަހުމަދާއި މާހަލް ޓްއާސްގެ މަސްލަހަތާ ގުޅޭތީ އާއި، މި ހިނގާ މައްސަލައާ މާހަލް ޓްއާސްއާ ގުޅޭތީ އާއި، މި ދެ ކަންތަކާ ފަނޑިޔާރު ފައިސަލްއާ ގުޅޭތީ، މި މައްސަލައިގެ ބެންޗުން ފައިސަލް އެއްކިބާކުރަން ޖެހޭ ކަމަށް ފެންނަ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.