ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި އުމުރުން 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިދީފަ އެވެ.

އެކަމަކު، އެއީ ކޮން ބައެއް ކަން ފުލުހުން ނުބުނި ނަމަވެސް "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރީ ޔުނާން އާއި އޭނާގެ އަންހެނުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ޔުނާންގެ ދެމަފިރިން ހައްޔަރުކުރަން ގޮވާލައި ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގެ ކައިރިއަށް ވެސް ބަޔަކު އެއްވެ މުޒާހަރާ ކުރިއެވެ. އަދި އެ މުޒާހަރާއާ ގުޅިގެން ފުލުހުން ވަނީ އެ ދެމަފިރިންނަށް ހިމާޔަތް ދީފަ އެވެ. އެކަމަކު، ފަހުން ދެ މަފިރިން ވަނީ ހައްޔަރުކޮށްފަ އެވެ.

މި ދެމީހުންގެ މައްޗަށް ކުރެވެނީ ޔުނާންގެ އާއިލީ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.