ބަނޑުއަޅާ ވިހޭ މައިމީހާ އަމިއްލަ އަތުން މަރާލައި، ކޮށައި ކުދިކޮށް ކާލި ސްޕެއިންގެ މީހަކު 15 އަހަރާއި ފަސް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އަލްބާޓޯ ސެންޗޭޒް ގޯމޭޒް ނަމަކަށް ކިޔާ މި މީހާ އޭނާގެ މަންމަ މަރާލާފައި ވަނީ 2019 ވަނަ އަހަރު އެވެ. އަދި އެއަށްފަހު 15 ދުވަހުގެ މަތިން މަންމަގެ މިނިމަސް ކައްކައިގެން ކައިފައިވެ އެވެ.

މިހާރު 28 އަހަރު ފުރިފައިވާ އަލްބާޓޯއަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިތުރު ފަސް މަސް ދުވަހުގެ ހުކުމް އިއްވާފައި ވަނީ މައްޔިތެއްގެ ހަށިގަނޑުގެ ހުރުމަތް ކެނޑުމުގެ ދައުވާގަ އެވެ.

މީގެ އިތުރުން އަލްބާޓޯ އޭނާގެ މަންމަގެ މަރުގެ ދިޔައިގެ ގޮތުގައި އޭނާގެ ބޭބެއަށް 73،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އަލްބާޓޯގެ ދިފާއުގައި އޭނާގެ ވަކީލު ބުނެފައި ވަނީ އޭނާއަކީ ނަފްސާނީ ގޮތުން މައްސަލަތަކެއް ހުރި މީހެއް ކަމަށާއި އެހެން ކަމުން މިއަދަބު އޭނާއަށް ހައްގު ނުވާ ކަމަށެވެ.

ފުލުހުން ވަނީ އަލްބާޓޯގެ މަންމަގެ ހަށިގަނޑުގެ ބައެއް ބައިތައް އޭނާގެ އެޕާޓްމަންޓްގައި ހުރި ތަށިތަކަކުން ހޯދާފަ އެވެ.

އަލްބާޓޯ އޭނާގެ މަންމަ މަރާލީ ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ. މަރާލުމަށްފަހު ކަރަންޓު ކީހަކުން ހަށިގަނޑު ބުރިކޮށް ފްރީޒް ކޮށްގެން ބޭނުންކޮށްފައިވެ އެވެ.