ނިއުދިއްލީ (20 ޖޫން) - ކުރިން ހީކުރި ވަރަށް ވުރެ މާ އަވަހަށް ކޮވިޑްގެ ތިންވަނަ ރާޅެއް އިންޑިއާއަށް ކުރިމަތި ވެދާނެ ކަމަށް އެ ގައުމުގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އިން އިންޒާރުދީފި އެވެ.

އެ އިންސްޓިއުޓްގެ ގެ ޑިރެކްޓަރު ރަންދީޕް ގުލޭރިއާ ވިދާޅުވި ގޮތުގައި ކޮވިޑް 19ގެ ކޭސްތައް ކުރިއަށް އޮތް 12 ނުވަތަ 16 ހަފުތާގެ ތެރޭގައި އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ރަންދީޕް އިތުރަށް ވިދާޅުވީ ކޮވިޑްގެ ދެވަނަ ރާޅު އެހާ ގޯސްވާން މެދުވެރިވި ސަބަބަކީ 50 ޕަސެންޓް އަވަހަށް ފެތުރޭ ޑެލްޓާ ވޭރިއަންޓް އެ ގައުމުގައި ގިނަވުން ކަމަށެވެ. މި ވޭރިއަންޓް އެ ގައުމުގައި އަދިވެސް ފެތުރެމުންދާތީ ނުރައްކާ އަދިވެސް ކުޑަ ނުވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެއާ އެކު އިންޑިއާގެ ވެކްސިން ޕްރޮގްރާމްގައި ހުރި ގޮންޖެހުންތައް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ވެކްސިން ފޯރުކޮށް ދެވިފައި ނުވާއިރު ވެކްސިން ލިބުމުގެ ދަތިތައް ހުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ފެނުނު ކޮވިޑް 19ގެ ކޭސްތަކުގެ ޖުމްލަ 29 މިލިއަނަށްވުރެ އިތުރުވިއިރު އެ ބަލީގައި މަރުވި މީހުންގެ ޖުމްލަ އުޅެނީ 380،000 އަށްވުރެ މަތީގަ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި އެ ގައުމުގައި ރެކޯޑް ކުރެވިފައިވާ ކޭސްތަކުގެ އަދަދަށް ވުރެ މާ ބޮޑަށް ކޮވިޑް ފެތުރިފައިވާ ކަމަށެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް