އީރާނުގެ އަމާޒުތަކަށް އެމެރިކާއިން އިތުރު ހަމަލާތަކެއް ދީފިނަމަ، އެހެން ގައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ އެއްގޮތަށް އެމެރިކާގެ ސިފައިން އީރާނަށް ހަމަލާދީފިނަމަ، އޭގެ ބަދަލު ވަރުގަދަކޮށް ހިފާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ތުރުކީ، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާގެ އިސް މަސްއޫލުވެރިންނާ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި މި ވާހަކަތައް އައިސްފައި ވަނީ، އީރާނުން ކުވައިތުގެ މުހިންމު ބައެއް ތަންތަނަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ކުވައިތު ސިފައިން ހަލާކުކޮށްލި ކަމަށް ބުނިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާއި ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާންއާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އެމެރިކާގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ނާމާންކަން އިތުރުވެދާނެ ކަމުގެ ބިރު އޮތްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލުން ދޭ އެއްވެސް ހަމަލާއެއްގައި ސަރަހައްދީ ގައުމަކުން ބައިވެރިވެއްޖެނަމަ، އެކަމާ އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އަރަގްޗީ ސައުދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންއަށް ދެންނެވި އެވެ.

އެމެރިކާގެ އޮފިޝަލަކު "އެކްސިއޯސް" އަށް ވިދާޅުވި ގޮތުގައި، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޓްރަމްޕާ ވާހަކަދައްކަވައި، އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ރޭވުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އީރާނުގެ ސަލާމަތީ އެންމެ މަތީ މަޖިލީހާ ގުޅުން އޮންނަ "ނޫރު ނިއުސް" އިން ބުނިގޮތުގައި، އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދީފިނަމަ، އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި އިޒްރޭލުގެ ތެލާއި ގޭސް މައިދާންތަކަށް ހަމަލާދީ، އެ ހުރިހާ ތަނެއް އަނދާ އަޅިއަށް ހަދާލާނެ އެވެ.

ކޭމްޕް ޑޭވިޑްގައި ހުކުރު ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ދަނބި ދަރިފުޅު ޖެރެޑް ކުޝްނަރާއި، ސްޓީވް ވިޓްކޮފް އަދި މާކޯ ރޫބިއޯ ފަދަ މަންދޫބުން މެދުވެރިކޮށް އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އީރާނުގެ އިތުބާރު ގެއްލެމުންދާ ކަމަށާއި، އެމީހުންނަކީ ވައުދާ ހިލާފުވާ ބައެއް ކަމަށް ވިދާޅުވެ، އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފެށި ފަހުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ ތެލުގެ އަގު ބޮޑުވިޔަސް ކުރަންޖެހޭ ކަމެއް ކަމަށް ޓްރަމްޕް ވަކާލާތު ކުރެއްވި ނަމަވެސް، އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން މި ހަނގުރާމަ ހުއްޓާލުމަށް އޭނާއަށް ވަނީ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވެފަ އެވެ.

އީރާނުގެ ހަމަލާތަކުގެ ބިރު އޮތުމުން، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

ކުވައިތުގެ އުތުރުގައި ހުރި ސަރުކާރުގެ އިމާރާތަކަށާއި، ބޫބިޔާން ރަށުގައި ހުރި އަމިއްލަ ކުންފުންޏެއްގެ މުދަލަށް ހޮނިހިރު ދުވަހު ހަމަލާ އަރާފައިވާ ކަމަށާއި، މީގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ކުވައިތު ސިފައިން ބުނެ އެވެ.

ހަކަތައިގެ ސިނާއަތަށް އޮތް ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ޔަމަނުގައި ތިބި އީރާނަށް ތާއީދުކުރާ ހޫތީން ވެސް ވަނީ ބާބުލް މަންދަބު ކަނޑުއޮޅިއަށް ނުރައްކާ ކުރަން ފަށާފަ އެވެ. މީގެ އިތުރުން އޮމާން ކައިރިން ދަތުރުކުރި ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ލިބިފަ އެވެ.