އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު 20 އަހަރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކުރީ ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާތައް ސާބިތުވީ ޝަރީއަތުގެ މަޖިލީހުގައި ދައުވާތަކަށް އަދީބު އިއުތިރާފުވުމުންނެވެ. އޭނާ ދައުވާތަކަށް އިއުތިރާފުނުވިޔަސް ސާބިތުކުރެވޭ ވަރުގެ ހެކި ޕީޖީ އޮފީހުގައި އެބަހުއްޓެވެ.

އަދީބު ދައުވާތަކަށް އިއުތިރާފުވީ، އިއުތިރާފުވުމުން ކަނޑައެޅޭ އަދަބު ލުއިވާނެތީއެވެ. ދައުވާތަކަށް އިއުތިރާފުނުވިނަމަ އަދީބަށް މިއަށްވުރެ ބޮޑު ހުކުމެއް އަންނާނެ އެވެ.

އަދީބަށް އުފުލި ދައުވާތަކަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާ އެކެވެ.

އަދީބަށް ކުރި ހުކުމްތަކުގެ ތަފްސީލް

* ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް

* ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެވަނަ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް

* މަނީ ލޯންޑްރިންގެ ދައުވާ: ފަސް އަހަރާއި 11 މަހުގެ ޖަލު ހުކުމާއި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ.

* މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ: ފަސް އަހަރާއި 11 މަހަށް ޖަލަށްލުމާއި އެއް މިލިއަންގެ ޖޫރިމަނާ.

* މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށްލުމަށް.

* މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުން: ހަ މަހަށް ޖަލަށްލުމަށް.

* ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ: ތިން މަހަށް ޖަލަށްލުމަށް.

އަވަސް ނިޔާގެ މައްސަލައެއް ގޮތުގައި އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ

އަދީބުގެ މައްޗަށް ކުރިން އިއްވާފައި ހުރި 33 އަހަރުގެ ޖަލު ހުކުމްތައް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.