އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިންސާފު ހޯދައިދެވޭނީ ގެއްލުނު ފައިސާތައް ދައުލަތަށް ލިބިގެން ކަމަށް ވިދާޅުވެ، ހުކުމް އިއްވި ގާޒީ ހަސަން ސައީދު އަހުމަދު އަދީބަށް ނަސޭހަތް ދެއްވައިފި އެވެ.

ގާޒީ ހަސަން ވިދާޅުވީ އެ ފައިސާ ގެއްލުނު މައްސަލައިގައި ތައުބާވި ކަމަށް އަދީބު ވިދާޅުވި ނަމަވެސް ތައުބާވި ކަމަށްވާނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ހަގީގަތް ދައުލަތަށް ހާމަކުރައްވައި، ގެއްލުނު ފައިސާ އަނބުރާ ހޯދައިދެއްވުމުން ކަމަށެވެ.

"މިއަށް އިންސާފު ހޯދައިދެވޭނީ މި ފައިސާ ދިވެހި ދައުލަތަށް ލިބިގެން. އެހެންވީމަ އެ ވާހަކަ ދެންނެވީ،" ގާޒީ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެ މައްސަލާގައި ގެއްލިފައި ވަނީ އެކެއްގެ ހައްގެއް ނޫން ކަމަށާއި އެ މައްސަލައާ ގުޅިގެން ގެއްލިފައި ވަނީ މުޅި މުޖުތަމައުގެ ހައްގު ކަމަށެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ މިއަދު އަދީބު ހިޔާނާތުގައި އެހީތެރިކަން ދިން މީހުން އެކަން ކުރި ގޮތުގެ މައްޗަށް ވިސްނާލުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް ކަން ނިމިގެން ދިޔައިރު ނަފްސާއި އަޅާލާނެ މީހެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ، އަދީބުގެ މައްޗަށް ހުކުމް އިއްވަވައި ނިންމުމަށްފަހު ވިދާޅުވީ، ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"މިއަދު އަޅާލާނެ އެއްވެސް ފަރާތެއް ނުހުންނާނެ. މިހެން މި ދެންނެވީ ނަފްސާ އަޅާލާނެ އެންމެ ފަރާތެއް ވާނީ. އެހެންވީމަ ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ގާޒީ ހަސަން ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މުޅި ދުނިޔެއަށް މިފަދަ މައްސަލައެއްގައި ފަޟީހަތް ވެގެން ދިއުމަކީ މުޅި ދައުލަތް ލަދުގަންނަވަރުގެ ކަމެއް ކަމަށެވެ. އަދި މިއީ އަދީބަށް ދެރައެއް އެދިގެން ދައްކަވާ ވާހަކައެއް ނޫން ކަމަށާއި، އެހެން ނަމަވެސް ޒުވާނަކަށް ވެ ހުރެ، ގައުމުގެ އެހާ ބޮޑު މަގާމެއް ލިބުނު ގޮތް އެއްވެސް ގޮތަކަށް ހަނދާނަށް ނުގެނެވުނީތީ ހިތާމަ ކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.

"ދިވެހި ދައުލަތް ލަދުގަންނަ ފަދަ ކަމެއް. މުޅި ދުނިޔެއަށް ފަޟީހަތްވެގެން ދިޔަ ކަމެއް،" ގާޒީ ވިދާޅުވި އެވެ.

ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ އަޑުއެހުމާއި ގާޒީ ހަސަން ވަނީ އެ މައްސަލައާ މެދު ވިސްނުމަށް އަދީބުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ހުކުމުގެ ދުވަސްތަކުގެ ތެރޭގައި މި މައްސަލައާއި މެދު ފުންކޮށް ވިސްނާ ފިކުރުކޮށް، މިކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަމިއްލަ ނަފުސާއި ސުވާލު ކުރުމަށް އެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.