ރާއްޖޭގެ ކޮންމެ ނިޒާމެއް ވެސް ބިނާވެފައި އޮންނަނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދޭ ގޮތަށް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސީއެންއެމްއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި އެ މައްސަލަތަކަށް ބިނާކޮށް އޮޑިޓް ރިޕޯޓްތަކެއް ނެރެގެން ހައްލުވާނެ ކަންކަމެއް ނޫން ކަމަށެވެ.
"ޒަމާނުއްސުރެ ވެސް ފެށިގެން ދެމިގެން މި އަންނަނީ ކޮރަޕްޓް ސިސްޓަމްތައް އިނގޭތޯ. ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މި ގާއިމުކުރެވިފަ ހުރި ކަންތައްތައް ގޮތުގައި ދެމެހެއްޓުމަށް. ވަކި ބަޔަކަށް މީގެ މަންފާތަކެއް އޮވޭ، ކޮން ސިސްއްޓަމެއްތޯ ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ރާއްޖޭގައި ހުރީ؟ ކޮންމެ ކަމެއްގެ ތެރެއިން ވެސް މި އޮންނަނީ ނާޖާއިޒް ފައިދާ އޭގެން ނެގެން އޮތް ގޮތަކަށް އެކަމެއް ތަރުތީބުކުރުން،" ނިޔާޒް ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން މިސާލު ދައްކަވަމުން ނިޔާޒު ވިދާޅުވީ، ސަރުކާރުން ޓެންޑާ ޕްރޮސެސްއަކަށް ހުޅުވާލުން ފަދަ އާދައިގެ މަސައްކަތްތަކުގައި ވެސް ރައްޔިތުންނަށް އެ ޕްރޮސެސް ކުރިޔަށް ދަނީ އެންމެ އިންސާފުވެރިކޮށް ކަމަށް އިތުބާރާއެކު އިހުސާސްކުރަން ދަތިވެފައިވާ ކަމަށެވެ.
"ފެއާ ޕްރޮސެސްއެއްގެ ތެރެއިންތޯ ދައުލަތުން މި ހަވާލުކުރާ ބޮޑެތި މަސައްކަތްތައް މި ހަވާލުކުރެވޭ ފަރާތްތައް ސެލެކްޓް ކުރެވެނީ. ނޫނީ އެ އޮންނަ ޕޮލިޓިކަލް އެފިލިއޭޝަނަކަށް ބަލައިގެން، ނުވަތަ އެ ކޮމްޕެނީއަކާ ސަރުކާރުގެ އިސް ވުޒާރާއެއްގައި ހުންނަވާ ބޭފުޅަކާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންތޯ އެ ކޮންޓްރެކްޓްތައް އެ ފަރާތްތަކަށް ލިބިގެން މިދަނީ. އެ ޔަގީންކަމެއް އަޅުގަނޑުމެންނަށްކަށް ނެތް އިނގޭތޯ. ދައުލަތުގެ ނިޒާމުތަކާ ދޭތެރޭ،" ނިޔާޒް ވިދާޅުވި އެވެ.
އެގޮތަށް އެކަން ކުރިމަތިވަނީ އެންމެ މަތީ ފަންތީގައި ވެސް ތިބޭ ފަރާތްތަކުން އެފަދަ މައްސަލަތަކާ ދޭތެރޭ ގެންގުޅުއްވާ ނަޒަރިއްޔާތުގެ ސަބަބުން ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެއްވެސް ނިޒާމަކީ އޭގެ އަމިއްލަ ޒާތުގައި ހިނގައިގަންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ އެންމެ މަތީ ފަންތީގައި ތިއްބަވާ ބޭފުޅުންގެ ކިބައިން ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމުގެ ރޫހު ފެންނަން ނެތްނަމަ އެއަށް ވުރެ ދަށް ފަންތިތަކުން ވެސް އެކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ކަމަށެވެ.