ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ އާ ސްކޫލު އިމާރާތް ކުރުމަށް އާރްސީސީ އާ ހަވާލުކޮށްފައި ވަނީ 243.12 މިލިއަން ރުފިޔާގެ އަގަކަށް، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އަދި އިމާރާތް ކުރުމުގެ މަސައްކަތެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ މި ސްކޫލަކީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އީޕީސީ ޓާންކީ އުސޫލުން އަޅާ އިމާރާތެއް ކަމަށެވެ.

މީގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިތުރު ސްކޫލެއް އަޅަން މީގެކުރިން ވަނީ އަމީން ކޮންސްޓްރަކްޝަނާ ވެސް ހަވާލުކޮށްފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހުޅުމާލޭގައި މިހާރު ހުންނަނީ ތިން ސްކޫލެވެ. އެެއީ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލެވެ