ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އިބްރާހިމް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމީ އޭނާ އާ ގުޅޭގޮތުން ބެލި ސުލޫކީ މައްސަލަ ސާބިތުވުމުން ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ދެ މަސް ދުވަހަށް އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އިބްރާހިމް އަލީ މަގާމުން ވަކިކުރަން ހުށަހެޅީ ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ބަންދުން ދޫކޮށްލުމާ ގުޅޭ މައްސަލައެއްގަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީއަތް ނިމެންދެން މައްސަލައިގައި ތުހުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބުތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ގާޒީ އިބްރާހިމް އަލީ ބަންދުން ދޫކޮށްލި އެވެ.

އެމީހުން ބަންދުން ދޫކޮށްލި އަމުރުތައް ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖައާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ކަނޑައެޅި އެވެ. ނަމަވެސް ހައިކޯޓުގެ އެންގުމަށް އަމަލުކުރުން ގާޒީ އިބްރާހީމް އަލީ ގަސްތުގައި ލަސްކޮށްފައިވާ ކަމަށް ޖޭއެސްސީން ބެލި މައްސަލާގައިވެ އެވެ.

ހައިކޯޓުގެ ނިންމުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ އަމަލުނުކުރާތީ، ޕީޖީ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމަށް ކަމަށް ވެސް އެ ކޮމިޝަނުގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.

ޖޭއެސްސީން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމަށެވެ.

ގާޒީ އިބްރާހީމް އަލީގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް އޭނާ ކޮށްފައިވާ އަމަލުތަކެއްކަމަށް ޖޭއެސްސީން ބުންޏެވެ.