ސިންގަޕޫރު (30 ޖޫން) - ސިންގަޕޫރުގެ ރައްޔިތުން އެ ގައުމުން ބޭރަށް ފަތުރުވެރިކަމުގެ ބޭނުންތަކަށް ދިއުމަށް މިއަހަރުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް ބުނެފި އެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައި ވަނީ ދަތުރުކުރުން ހުއްދަ ދިނުމަށް ހަމަ ޖެހިފައި ވަނީ އެމެރިކާ، ހޮންކޮންގް އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ފަދަ ވެކްސިން ރޭޓްތައް މަތީގައި އުޅޭ ގައުމުތަކަށެވެ.

ސްޓްރެއިޓްސް ޓައިމްސް އިން އެ ޚަބަރު ގެނެސްދީފައި ވަނީ އެ ގައުމުގެ ސިއްހީ ވަޒީރު އޮންގް ޔޭ ކުންގް ދެއްވި އިންޓަވިއުއަކާ ހަވާލާދީ އެވެ.

އޭނާ އިތުރަށް ބުނީ ގައުމެއްގައި ކޮވިޑް ހާލަތު ރަނގަޅުވެ ގައުމު ހަމައަކަށް އެޅެމުން ދާނަމަ ކުރިއަށް ގޮސް އާއްމު ހާލަތަށް ދިއުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެފަދަ ގައުމުތަކަށް ދަތުރުފަތުރުކޮށް އުޅުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއަކީ ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައި އޮތުމަށް ފަހު ހާލަތު ރަނގަޅުވަމުން އަންނަ އެއް ގައުމު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިހާރު އެމެރިކާއަކީ ވެކްސިން ރޭޓް ވެސް އެންރެ މަތީގައި އުޅޭ އެއް ގައުމެވެ.

ސިންގަޕޫރުން ބޭރު ގައުމުތަކަށް ދަތުރުކުރުން ހުޅުވާލުމާއެކު ގިނަ ރައްޔިތުންތަކެއް ފަތުރުވެރިކަމުގެ ބޭނުންތަކުގައި އެ ގައުމުން ބޭރަށް ދަތުރުކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ.