ޖެނީވާ (03 ޖުލައި) - ކޮވިޑް -19ގެ ޕެންޑެމިކް ތެރޭގައި މުޅި ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފި އެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައި ވަނީ ހަލުވިކަމާއެކު ފެތުރޭ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ 98 ގައުމަކުން ފެނިފައި ވަނިކޮށެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ޑެލްޓާ ވޭރިއަންޓް ދަނީ އިތުރަށް ނުރައްކާވެ، މިއުޓޭޓްވަމުން ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭ އޮތީ ބޮޑު ބިރެއްގެ ތެރޭގައި ކަމަށެވެ.

"މިހާތަކަށް 98 ގައުމަކުން މި ވޭރިއަންޓް ފެނިފައިވާއިރު ވެކްސިން ޕްރޮގްރާމްތައް އެދެވޭ ވަރަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އިތުރު އެހެން ގައުމުތަކަށް ވެސް ވޭރިއަންޓް ފެތުރުމު ބިރު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ޓެޑްރޯސް އިތުރަށް ވިދާޅުވީ ވެކްސިން ޕްރޮގްރާމްތައް ރަނގަޅަށް ކުރިއަށް ނުދާ ގައުމުތަކުގައި ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި، އެ ގައުމުތަކުގެ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ ޑެލްޓާ ވޭރިއަންޓެވެ. ކޮވިޑްގެ ބައެއް ވެކްސިންތަކަކީ އެ ވޭރިއަންޓާ ދެކޮޅަށް ވެސް ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިންތަކެއް ކަމަށް އެ ވެކްސިންތައް އުފައްދާ ކުންފުނިތަކުން ބުނެ އެވެ.

އެހެންކަމުން ވެކްސިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށާއި ވެކްސިން ޖަހައިގެން ފަރުދީ ޒިންމާ އަދާކުރުމަށް ޑަބްލިއުއެޗްއޯ އިން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވަނީ ގޮވާލާފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް