ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިބީ ހޮރަށް ވަދެ ފިލާ ކަަމަށް ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދު މަޖިލީހުގައި މިއަދު ކުރި ބަހުސްގަ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއަށް ފަހު އެމްޑީޕީގެ ސަރުކާރުން މިހާތަނަށް ވެސް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި މަޖިލިސް ތެރޭގައި ވެސް އެ ވާހަކަ ދެއްކުން ފިޔަވައި އިތުރު ކަމެއް އެމްޑީޕީގެ މެމްބަރުން ނުކުރައްވާ ކަމަށް އޭނާ ވިދާޅިވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމްޑީޕީ މެމްބަރުުން އެހާ ހަރާކަތްތަށް މަދުވުމަކީ އެ މެމްބަރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ. އެއަށްފަހު އޭނާ ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރުދެނީ މިހާރުގެ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑު ހިތުން އެމްޑީޕީގެ މެމްބަރުންވެސް މިއަދު ލަދު ގަންނަން ޖެހޭނެ ރައީސް ނަޝީދަށް އެވަރުގެ އަނިޔާއެއް ދިނީމަ އެމްޑީޕީގެ ހުރިހާ އެންމެން ގެއަށް ވަދެ ހޮރަށް ވަދެ ފިލާތިބި ތިބުން. އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ މީހުން ލަދު ގަންނަން ޖެހޭނެ މިހާރު ޓެރަރިޒަމްގެ ވާހަކަ ދައްކަން. މިއަދުގެ މި ސަރުކާރުގައި ތިބި ގިނަ މީހުން ގަބޫލު ކުރާނެ މި ރާއްޖޭގަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބަޔަކު އުފައްދާ ކަމަށް ވަންޏާ އުފެއްދި ބަޔަކު ވެސް ތިބީ މި ސަރުކާރުގައި ކަން،" ޝަރީފް ވިދާޅުވި އެވެ.

ނަޝީދު ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ހޯއްދަވަމުންދާ އިރު އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާ ސަރުކާރުން އެ މައުލޫމާތުތައް ރައްޔިތުންނަށް ހާމަ ނުކުރައްވާތީ އެކަމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއްް ނުކުރަން ނާޒިމް ސައްތާރު އަރުއްވާފަ ޓީވީއަކުން ނުވަތަ އެއްޗެއް ޓުވީޓުކޮށްލައްވާފަ އެއްޗެއް ވިދާޅުވީމަ އެއީ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ ކަމަށް. އެހެންވީމާ މިއަދަކ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ވެސް ޓެރަރިޒަމްގެ ވާހަކަ މާ ބާރަކަށް ދައްކާނެ ކަމެއް ނެތް. އަޅުގަނޑު ގަބޫލެއް ނުކުރަން އެމްޑީޕީއަކަށް މިއަދު އެ ފުރުސަތު އޮތް ކަމަކަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން މިހާރު މައުލޫމާތު ދެއްވަމުން ދަނީ އާއިލާއިން އެކަންޏެވެ. އެގޮތުން ބައެއް ފަހަރު އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ބޭބެ ޑރ. އިބްރާހިމް ނާޝިދު ޓުވިޓާ މެދުވެރިކޮށް މައުލާމާތު ދެއްވަ އެވެ