އަންނަ މަހުން ފެށިގެން އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސަސް (އެންއެޗްއެސް) އިން ވެކްސިން ދޭނެ ފަށައި، ކްރިސްމަސް އާ ހަމައަށް ވެކްސިން ދިނުމަށް ފަސް ސެންޓަރެއް ގާއިމުކުރަން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.

ލީކުވެފައިވާ އެންއެޗްއެސް ލިޔެކިޔުންތަކަކާ ހަވާލާދީ "ދަ ސަން"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެކްސިން ދިނުމަށް ގާއިމުކުރެވޭ ފަސް ސެންޓަރަށް އެތައް ސަތޭކަ އެންއެޗްއެސް ސްޓާފުން ފޮނުވުމަށް ހަމަޖެހިފައި ވެ އެވެ. އަދި މި ސެންޓަރުތަކުން ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުންނަށް ވެކްސިން ދެވެމުން ގެންދާނެ އެވެ.

ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ކޮރޯނާވައިރަސް ޖެހުމުން ހައި ރިސްކު ކެޓެގަރީއަށް ފެތޭ މީހުންނަށެވެ.

ވެކްސިން ދިނުމަށް ހަމަޖައްސާފައިވާ ފަސް ސެންޓަރުގެ އިތުރުން ވެސް ގިނަ އަަދަދެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ގޮތުން ޖީޕީސް އަދި ފާމަސިސްޓުންގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެ އެވެ.

މިކަމާ ގުޅިގެން "ދަ ސަން"އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވާ ގޮތުން ވެކްސިން ޓެސްޓްތަކުގެ އެންމެ ފުރަތަމަ ނަތީޖާ ލިބުމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށާއި އެހެން ކަމުން އެންމެ އަވަހަށް ވެސް ވެކްސިން ރޯލް އައުޓް ކުރެވޭނީ ކްރިސްޓްމަސްގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށް ބެލެވޭ ކަމަށެވެ.

"ވެކްސިން ދިނުމުގެ ޕްލޭންތައް ދަނީ ހެދެމުން. މަސައްކަތްކުރާ ވެކްސިނެއް ލިބުނުހާ އަވަހަށް ލަސްނުކޮށް ވެކްސިން ދޭން ފެށުމަށް ވަނީ ތައްޔާރުވެފައި،" އޭނާ ބުންޏެވެ. -ދަ ޑެއިލީ މެއިލް