ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޝަހީމް އޭނާގެ ފޭސްބުކުގައި ވިދާޅުވެފައިވަނީ މި ވެބްސައިޓް އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ އިސްލާމީ އިލްމު ފަތުރައި އިސްލާމީ ހަޟާރަތުގެ އަސާސްތައް ކުރިއަރުވައި އިސްލާހީ ފިކުރީ މަސައްކަތް ނަގަހައްޓައި ދެމެހެއްޓުން ކަމަށެވެ. އަދި މިފަދަ ވެބްސައިޓެއް އުފައްދައި އިލްމީ، އިދާރީ، އިޖުތިމާއީ، ބައިނަލްއަގުވާމީ ހުރިހާ މަސައްކަތްތަކެއް އެއްތަނަކަށް ޖަމާކުރުމަކީ މީގެ އަހަރުތަކެއް ކުރިން ވެސް ކުރަމުން އައި އުންމީދެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އެކި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތައް މި ވެބްސައިޓަށް ޖަމާކުރެވިގެން ދާނެ ކަމަށާއި މިގޮތުން ފޮތްތަކާއި ތަޤުރީރުތަކާއި ދީނީ ލެކްޗަރތަކާއި ޢިލްމީ ލިޔުންތަކާއި ދިރާސާތައް ޕަބްލިޝްކުރެވޭނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޢިލްމީ ދާއިރާގެ މަސައްކަތްތަކަށް އިސްކަންދީ އެ މަސައްކަތްތައް މި ވެބްސައިޓަށް ޖަމާކުރެވިގެން ދާނޭ ކަމުގައި ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޝަހީމް ތައުލީމު ހާސިލްކުރެއްވީ ރާއްޖެއާއި ޕާކިސްތާނާއި މިސްރާއި ސަޢޫދީ އަރަބިއްޔާއާ އަދި މެލޭޝިޔާއިންނެވެ. ޑރ. ޝަހީމް ވަނީ ރާއްޖެއަށް މިހާތަނަށް ވެސް އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.