ބެންކޮކް (12 ޖުލައި) - ތައިލެންޑުގައި ޗައިނާގެ ސިނޮވެކް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެސްޓްރަޒެނެކާގެ ފައިޒާ ވެކްސިނުން ދެވަނަ ޑޯޒު ޖެހުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިއީ ޗައިނާގެ ވެކްސިނަކާއި ހުޅަނގުގެ ގައުމަކުން އުފެއްދި ވެކްސިނެއް އެއްކޮށްގެން ޑޯޒު ހަމަކުރަން ގައުމަކުން ނިންމި ފުރަތަމަ ފަހަރެވެ. މި ނިންމުން ނިންމާފައި ވަނީ ސިނޮވެކްގެ ދެޑޯޒު ހަމަކޮށްގެން ދިގު މުއްދަތަކަށް ލިބޭ ރައްކާތެރިކަން ކުޑަކަމަށް ތައިލޭންޑުގައި ހެދި ދިރާސާއަކުން ދައްކާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރު އަނުޓިން ޗަރްންވިރަކުލް ވިދާޅުވީ މި ނިންމުމަކީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓުން ލިބޭ ރައްކާތެރިކަން އިތުރު ކުރުމަށް ނިންމި ނިންމުމެއް ކަމަށާއި މިކަމުގެ ސަބަބުން ކޮވިޑާ ދެކޮޅަށް ރައްޔިތުންގެ ދިފާއީ ނިޒާމު ވަރުގަދަވާނެ ކަމަށެވެ.

ތައިލޭންޑުގެ ސިއްހީ އިދާރާތަކުން ބުނެފައިވާ ގޮތުގައި އެ ގައުމުގައި ސިނޮވެކް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި 618 ސިއްހީ އެހީތެރިއަކަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ނަރުހަކު މަރުވެފައިވާ ކަމަށެވެ.

"ސިނޮވެކްގެ ދެ ޑޯޒު ޖަހާފައިވާ ސިއްހީ އެހީތެރިންނަށް އެ ވެކްސިންގެ ތިންވަނަ ޑޯޒެއް ވެސް ދޭން ޖެހޭ،" މިކަމާ ބެހޭ ގޮތުންކުރި ދިރާސާގައި އިސްކޮން ހަރަކާތްތެރިވި ބޭފުޅަކު ރޮއިޓާސްއަށް ބުނެފައިވެ އެވެ.

މި ފަހަކަށް އައިސް ތައިލޭންޑުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އަދަދުތައް ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާ އިރު، އެ ގައުމުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. -- ރޮއިޓާސް