ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގެ ކޮޕީއެއް ނަޝީދުގެ އާއިލާއަށް އަރުވައިފި އެވެ.

އެމްޑީޕީން މިރޭ ބުނީ އިންކުއަރީ ރިޕޯޓުގެ ކޮޕީއެއް، ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅަށް އަރުވައިފައިވާ ކަމަށެވެ. އެ ރިޕޯޓް އެ ދެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައީސް ނަޝީދަށް ވެސް ވަނީ އެ ރިޕޯޓްގެ ކޮޕީއެއް އަރުވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށެވެ. އެކަމަށްޓަކައި އެމަނިކުފާނު ވަނީ 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށާއި ކޮމިޓީގެ މެމްބަރުންނަށް ޝުކުރު ދަންނަވާފަ އެވެ.

އެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ އަރުވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.