ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ހޯދަން ބޭނުން ވަނީ ސަރުކާރު ފެއިލްވެފައިވާތީ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މިއަދު ނަޝީދު ފޮނުވި މެސެއްޖެއްގައި ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަން އުފެއްދުން ކަމަށެވެ. އަދި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމްއާއެކު ކޯލިޝަނެއް ހެދުން ކަމަށެވެ.

އެ މެސެޖާ ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮވެ އިދިކޮޅު ލީޑަރު، ޔާމީންގެ އެހީއަށް އެދުމުން ދޭހަވެގެން ދަނީ މި ސަރުކާރު ފެއިލް ވެއްޖެ ކަމަށާއި އަދި އެކަން އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާ ނުކުރެވޭއިރު އެމްޑީޕއަށް ސަރުކާރުން ވަކިވެވެންސް ނުކުރޭބެ ކަމަށެވެ.

"ސާރުކާރަށް ގާނޫނީ ޒިންމާ އަދާ ނުކުރެވޭއިރު، ސަރުކާރުން އެމްޑީޕީއަށް ވަކިވާން ކެރޭނެތޯ؟ ހިހޫ ތަނުން ކާން އުޅުމަކީ ރީތި ގޮތެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކޯލިޝަނެއް އުފެއްދެވުމުގެ ޝައުގުވެރިކަން ނަަޝީދު ފާޅުކުރައްވާއިރު، އެ ކަމަށް ޓަކައި ބައެއް ޝަރުތުތައް ވެސް އެމަނިކުފާނު ދެއްވައެވެ. މި ގޮތުން "އިންޑިއާ އައުޓް" ނުގޮވުމާއި ނަފުރަތުގެ ބިލަށް ތާއީދު ކުރުން ހިމެނެ އެވެ.

ނަޝީދުގެ އެ ފަލްސަފާއަކީ އިދިކޮޅު ކޯލިޝަންގެ ފަލްސަފާއާ މުޅިން ތަފާތު ވިސްނުމެއް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ވިދާޅުވަނީ އެމްޑީޕީއާއި ނަޝީދުއާ އެކު ކުރައްވާނެ މަސައްކަތެއް ނެތް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އެކަމަށް ވެސް އެއްބާރުލުން ނުދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފަ އެވެ.