ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ކުދިންގެ މިޒާޖާއި އަޚުލާގަށް ނޭދެވޭ ބަދަލުތަކެއް އާދެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބޮޑެތިވަމުން އަންނަ ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ބައެއް ގޯސްތަކަށެވެ.
މާ ގިނައިން ހަރުކަށި ބަސްތައް ބޭނުންކުރުން
ކުދިން ތަރުބިއްޔަތު ކުރުމުގައި ހަރުކަށި ވާން ޖެހޭ ފަހަރު ވެސް އަންނާނެ އެވެ. އަޑުހަރުކޮށް ބަސްބުނަން ޖެހޭ ކަންތައްތައް ވެސް ކުރިމަތި ވާނެ އެވެ. ނަމަވެސް އާއްމުކޮށް ދަރިންނާ މުއާމަލާތް ކުރާއިރު ހަރުކަށި ބަސްތައް ބޭނުންކުރުމަކީ އެ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި މައިންބަފައިންނާ އެކު އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމެކެވެ.
އެހެންކުދިންނާ އަޅާ ކިޔުން
ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންގެ ހުންނާނީ އެކި ހުނަރެވެ. ގާބިލިއްޔަތުކަން ހުންނާނީ އެކި މިންވަރަށެވެ. އެހެންކަމުން އެހެން ކުދިންނާ ތިބާގެ ދަރިފުޅު އަޅާކިޔުމަކީ އެ ކުއްޖާގެ ހިތް މަރުވެ ހިތްވަރު އެލޭނެ ކަމެކެވެ. އެއާ ޚިލާފަށް އެ ދަރިފުޅުގެ ކިތަންމެ ކުޑަ ކާމިޔާބީއެއް ނަމަވެސް ފާހަގަކޮށް އެ ދަރިފުޅަށް ތަރުހީބު ދޭށެވެ.
ކޮންމެ ކަމެއްގައި އަޑުހަރުކޮށް ބަސްބުނުން
ކުރިން ވެސް ބުނި ފަދައިން ތަރުބިއްޔަތު ކުރުމުގައި އަޑު ހަރުކުރަންޖެހޭ ފަހަރު ވެސް އަންނާނެ އެވެ. ނަމަވެސް ދަރިންގެ ކޮންމެ ކުށަކަށް އަޑުހަރުކޮށް ބަސްބުނެ ހަރުކަށި އަދަބު ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި މަޑުމައިތިރި ކަމާއެކު އެ ކުދިންނަށް ނަސޭހަތްދީ ވިސްނައިދޭށެވެ.
ބޮޑެތި މީހުންނަށް އިހުތިރާމް ކުރާ ރަނގަޅު އަޚްލާގެއްގެ ވެރި ޖީލެއް ބިނާ ކުރެވޭނީ ކުޑަކުދިންނަށް ވެސް އެކުދިން ބޮޑުވަމުން އަންނައިރު އެ އިހުތިރާމާއި ލޯބި ދީގެންނެވެ. އެހެން ކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި މި ގޯސްތައް ހެދުމުން މައިންބަފައިން ދުރުވާން ޖެހެ އެވެ.