ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި ދައުވާ ކުރުމަށް މިމަހު ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ދެއްވާފައިވާ ކަމަށް އެމްޑީޕީގެ މެއި 6 ކޮމެޓީން ބުނެފި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެލުމަށް އުފައްދާފައިވާ މެއި 6 ކޮމެޓީގެ މުގައްރިރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މިމަހު ފަސް ވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާންއާ އެކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ދައުވާ ކުރުމަށް ފޮނުވޭނީ މިމަހު 20 ހިސާބުގައި ކަމަށް މިނިސްޓަރު މިބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

"މިހާރު ހައްޔަރުކޮށްފައިވާ މީހުންނަށް މި ޖުލައި މަހުގެ ވިހީގައި ދައުވާކުރުމަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި" މެމްބަރު އަފީފް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން ފުލުހުންނަށް އެއްވެސް ވަރަކަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިނުވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށް ވެސް އަފީފު ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، މިކަން ރާވާ ހިންގުމާއި، ފަންޑުކުރުމުގެ އަޑީގައި ތިބި ބަޔަކު ފުލުހުންގެ ތަހުގީގުން މިހާތަނަށް ދެނެގަނެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މެއި 6 ކޮމެޓީގެ ފަރާތުން ވަނީ ފާޅުކުރައްވާފަ އެވެ. އަދި މިފަދަ ބޮޑުކަމެއް ހިނގާދިޔައިރު، އެކަމުގެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ކޮމެޓީން ވަނީ ފާޅުކުރައްވާފަ އެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ މި މައްސަލައާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާކޮށް، ރިޕޯޓުގައި ރިކޮމެންޑޭޝަންތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން ތަންފީޒުކުރަމުންދާ މިންވަރު ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކެނެރީގެއިން ހިންގަވާފައި، މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް ވަޑައިގަތުމާ އެކު ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ހިމެނެ އެވެ.