ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ކޯޓުގައި ކުއްޖާ ކިޔައިދީފި އެވެ.

މިއަދުގެ އަޑު އެހުމުގައި އައިޑެންޓިފިކޭޝަން ޕެރޭޑެއް ކުރިއަށް ގެންދިޔައެވެ. އަޝްމަލީ ވެސް ބައިވެރިކޮށްގެން އެ ޕެރޭޑް ބާއްވާފައިވާއިރު، އެއީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ސީދާ އެ ކުށްކުރި މީހާ ދެނެގަތުމަށް ކުރާ ކަމެކެވެ.

އަޝްމަލީގެ އިތުރުން މިމަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރު ކުރި ހަތަރު މީހުންނާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް އެ ކުއްޖާ މިއަދު ކޯޓުގައި ބުނެފައި އެވެ.

ޕާސްޕޯޓު ހިފަހައްޓައި ކަފާލާތުގެ ދަށުން އަޝްމަލީ ދޫކޮށްލަން ކޯޓުން މިއަދު ނިންމި އެވެ. ކަފާލާތުގެ ދަށުން ދޫކޮށްލީ އަޝްމަލީގެ ފަރާތުން ކޯޓަށް 125 ޑޮލަރު ދެއްކުމުންނެވެ.

އަދި ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސްގެ ގޮތުގައި 25،000 ޑޮލަރު ވެސް ބަހައްޓަންޖެހޭނެ ކަމަށް ކޯޓުން މިއަދު އެންގި އެވެ. އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އަޝްމަލީ އަކީ ކުއްޖާގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފި ކަސްޓަމަރެއް ކަމަށް ލަންކާ ފުލުހުން ބުންޏެވެ. އެ ކުއްޖާއާއެކު ގުޅުން ހިންގުމަށް އަޝްމަލީ ފައިސާ ދައްކާފައި ވަނީ ކުއްޖާ ވިއްކުމަށް ހަދާފައިވާ ވެބްސައިޓެއް މެދުވެރިކޮށް ކަމަށްވެސް ލަންކާ ފުލުހުން ބުންޏެވެ.

ނަމަވެސް އަޝްމަލީގެ ވަކީލާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ އޭނާ ދިޔައީ އޮންލައިނުން ފެނުނު އިސްތިހާރަކާ ގުޅިގެން ބުކްކޮށްގެން ތެޔޮ މަސާޖެއް ކުރަން ކަމަށެވެ. އަދި އެއީ އުމުރު ހަމަނުވާ ކުއްޖެއް ކަމެއް ނޭނގޭ ކަމަށް އަޝްމަލީގެ ވަކީލު ބުނެފައިވެ އެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި، ހާއްސަކޮށް ޓޫރިޒަމް ސަރަހައްދުތަކުގައި ފުޅާވުމުން ލަންކާގައި ވަނީ ހަރުކަށި އަދަބު ލިބޭ ގާނޫނެއް 1995 ވަނަ އަހަރު ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރު ޖަލު ހުކުމެއް އަންނާނެ އެވެ.

އަޝްމަލީއާއެކު އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލަންކާގެ ބުދު ދީނުގެ ހާމުދުރަކާއި ލަންކާގެ މެދު އުތުރު ސަރަހައްދަށް ނިސްބަތްވާ، ވެރިކަންކުރާ ޕާޓީގެ ސިޔާސީ މީހެއްގެ އިތުރުން ގަހަނާގެ ވިޔަފާރިކުރާ މީހެއްގެ އިތުރުން ކަނޑުގެ ސިފައިންގެ އުޅަނދެއްގެ ކެޕްޓަނެއް ވެސް ހައްޔަރުކުރި އެވެ.