އިސްލާމްކަމުގެ ފަސްވަނަ ރުކުން ކަމަށްވާ ހައްޖުގެ އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއްފަހަރު އަދާކުރަން ޖެހޭ އަޅުކަމެކެވެ. މި އަޅުކަމަކީ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވިއްޖެ ނަމަ އެ މީހަކު ދުނިޔެއަށް އުފަންވިއިރު އޮތް ތަބީއަތުގެ ސާފުކަން ގެނުވައިދޭނެ އަޅުކަމެކެވެ.

ހަރުކަށި ފިޔަވަޅުތަކަކާއެކު 60،000 ހައްޖުވެރިން ހިމަނައިގެން މިއަހަރުގެ ހެއްޖުގެ އަޅުކަން ފަށާފައިވާއިރު މިއީ ކޮވިޑް -19ގެ ހާލަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ބައިވެރި ނުވެވޭ ގޮތަށް ކުރިއަށްދާ ދެވަނަ ހައްޖެވެ.

ހައްޖު މޫސުން ފެށިގެން ކުރިއަށް ދާއިރު ހައްޖުގެ އަޅުކަމަށް ނަޒަރު ހިންގާލުމަކީ މިވަގުތު ކުރުން އެންމެ މުނާސަބު ކަމެއް ކަމުގައި ދެކި އެ އަޅުކަމުގެ ރުކުންތަކާއި ފަރުޟުތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

ހައްޖުގެ އަޅުކަން ފެށިގެން ދާނީ ޛުލްހައްޖު މަހުގެ 8 ވަނަ ދުވަހު އިހްރާމް ބަނުމުންނެވެ. ނިޔަތް ގަތުމާއެކު މީޤާތު ފަސް ދިނުމުގެ ކުރިން އިހްރާމް ބަންްނަން ޖެހޭނެ އެވެ. މާލެއިން ފުރާނަމަ އެއީ ޔަލަމްލަމް އޭ ކިޔުނު ފަރުބަދަ މަތީ ހިސާބުތަކުންނެވެ.

އިހްރާމުގައި މައްކާއަށް ވަނުމަށްފަހު ހައްޖުވެރިން އެންމެ ފުރަތަމަ އަދާ ކުރަން ޖެހޭނީ ތަވާފުލް ގުދޫމް އެވެ. ކޮވިޑް -19ގެ ހާލަތުގައި މި ރުކުން އަދާކުރެވެނީ ގައިދުރުކަމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

ހަރަމްފުޅުގައި ދެ ރަކުޢަތުގެ ސުންނަތް ނަމާދެއްކޮށް ޒަމްޒަމް ފެން ބުއިމަކީ ތަވާފުލް ގުދޫމް އަށްފަހު މުސްލިމުން އަވަސްވެގަންނާނެ ކަމެވެ. މި އަހަރުގެ ހައްޖުގައި ޒަމްޒަމް ފެން ބެހުމަށްޓަކައި 20 އޮޓޮމެޓިކް ރޮބޮޓް ހަރަކާތްތެރިވާނެ އެވެ.

އެއަށްފަހު ދެން ހައްޖުވެރިން އަމާޒު ހިފާނީ ޞަފާއާއި މަރުވާއާ ދެމެދު ސަޢުޔު ކުރުމަށެވެ. ދެ ފަރުބަދަ ދޭތެރޭ ހަތްފަހަރު ހިނގަން އޮންނައިރު މިއީ އިސްމާއީލް އަލައިޙިއްސަލާމަށް ފެންފޮދެއް އެރުވުމަށްޓަކައި އެކަލޭގެފާނުގެ މަންމަ ހާޖަރާ އެދެ ފަރުބަދަ ދޭތެރޭ ހިންގެެވި ހިންގެވުން ރަމްޒު ކޮށްދޭ ރުކުނެކެވެ.

ޖެހިގެން އަންނަ ދުވަހު އިރުއެރުމާއެކު ހައްޖުވެރިން އަވަސްވެގަންނާނީ މިނާއަށް ދަތުރު ފެށުމަށެވެ. އެ ދުވަސް އެއްކޮށް އަޅުކަމުގައި މިނާގައި ހޭދަ ކުރާނެ އެވެ. މި ތިބޭ ތިބުމުގައި ގަސްރުކޮށް ނަމާދު ކުރެވޭނެ އެވެ. އަދި ގިނަގިނައިން އިސްޣްފާރު ކުރުން މޮޅު އިތުރުވެގެންވެ އެވެ.

ހައްޖު މަހްގެ ނުވަ ވަނަ ދުވަހު އަރަފާތު ބިމުގައި ތިބުމަކީ މި އަޅުކަމުގެ އެންމެ މުހިއްމު ރުކުން ކަމުގައި ބުނެވެ އެވެ. އަރަފާތު ފަރުބަދައިގައި ހައްޖު ޚުތުބާ އަޑުއަހައި ގިނަގިނައިން ހަމްދު ޘަނާ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ.

އެދުވަހުގެ އިރު އޮއްސުމަށްފަހު ހައްޖުވެރިން ދެން ދަތުރު ފަށާނީ މުޛްދަލިފާއަށް ދިއުމަށެވެ. އެ ދަތުރު މަތީގައި ޖަމްރާތަކަށް ހިލައުކަން ހިލަ ހޮވުން އަންގަވާފައިވެ އެވެ.

އަޟްހާ އީދު ދުވަސް ކަމަށްވާ ހައްޖު މަހުގެ ދިހަވަނަ ދުވަސް ހައްޖުވެރިން ހައްޖުވެރިން ފަށައިގަންނާނީ ޖަމްރާ ތަކަށް ހިލަ އުކުމުންނެވެ. މިއީ މާތް ﷲގެ އަމުރުފުޅަށް އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ޤުރުބާން ކުރައްވަން އުޅުއްވަނިކޮށް ޝައިތާނާ އިސްމާއީލުގެފާނަށް ވަސްވާސް ދޭން ފެށުމުން ޝައިތާނާ ފައްސާލެއްވުމަށްޓަކައި އިސްމާއީލުގެފާނު ހިލަ އުއްކެވި އުއްކެވުން ރަމްޒުކޮށްދޭ ރުކުނެކެވެ.

އެއަށްފަހު ހައްޖުވެރިން ދެން ފަށާނީ ހައްޖުގެ އެންމެ ފަހުގެ އަޅުކަންތައް އަދާކުރުމަށެވެ. މީގެ ތެރޭގައި ފިރިހެނުން ބޯ ބޭލުމާއި އަންހެނުންގެ އިސްތަށިގަނޑުން ކުޑަ މިންވަރެއް ބުރިކޮށްލުމުގެ އިތުރުން މައްކާއިން ނުކުތުމުގެ ކުރިން ތަވާފުލް ވަދާޢުކުރުން ހިމެނެ އެވެ.

ތަވާފުލް ވަދާޢާއެކު ހައްޖުވެރިޔާގެ ހައްޖު ނިމުނީ އެވެ. މަބުރޫރު ހައްޖެއް ލިބިއްޖެނަމަ އޭނާގެ ޖަޒާ އަކީ އޭގެ ކުރިން ކުރެވިފައިވާ ކުދި ބޮޑު އެންމެހާ ފާފަތަކެއް ފޮހެވި އޭނާގެ ތަބީޢަތް ސާފުވުމެވެ.

މިއަދަކީ މިއަހަރުގެ ހައްޖު ދުވަހަށް ވުމާއެކު ހައްޖު ދުވަހު ރޯދަ ހިފުމާއި ހައްޖުގައި ބައިވެރި ނުވާ މުސްލިމުން ވެސް އަރަފާތު ޚުތުބާ އަޑުއެހުމުގެ މުހިންމުކަން އެންމެހާ ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނަށް ހަނދުމަ ކޮށްދެމެވެ.