މިނާ (18 ޖުލައި) - ހައްޖުގެ އެންމެ މަތިވެރި ރުކުން ކަމަށްވާ އަރަފާތު ބިމަށް ދިއުމަށްޓަކައި މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިން މިނާއަށް ދަތުރުކުރަން ފަށައިފި އެވެ.

ހަރަމްފުޅުގެ ހަތް ކިލޯމާޓަރު ދުރުގައިވާ މިނާއަށް ދަތުރުކުރި ހައްޖުވެރިންގެ ތަލްބިޔާގެ އަޑުން އެ ސަރަހައްދުގެ ޖައްވު އޮތީ ގުގުމާލާފަ އެވެ. ހައްޖު މަހުގެ ނުވަ ވަނަ ދުވަހު އަރަފާތު ބިމުގައި ތިބުމަކީ އެކަމަކާ ނުލައި ހައްޖުގެ އަޅުކަން ފުރިހަމަ ނުވާނެ ކަމެކެވެ.

ކީރިތި ރަސޫލާގެ ސުންނަތުގައި ވާގޮތުގެމަތިން ހައްޖު މަހުގެ އަށް ވަނަ ދުވަހާއި އެ ރޭ ހައްޖުވެރިން ވޭތުކުރާނީ މިނާ ގަ އެވެ. އެ ތިބޭ ތިބުމުގައި ފަސްނަމާދު ޤަޞްރުކޮށް ކުރެވޭއިރު އިސްތިޣުފާރު ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހައްޖުވެރިންނަށް އެންގެވިގެންވާ ގޮތެވެ.

މިނާއަށް ދަތުރު ފެށުމުގެ ކުރިން ހުރިހާ ހައްޖުވެރިން ވެސް އިހްރާމް ބަންނަށް ޖެހޭއިރު މިނާއަށް ދަތުރު ފަށާނީ މަސްޖިދުލް ހަރަމުގައި ތޮވާފުލް ގުދޫމް ފުރިހަމަކޮށް ސޮފާ އާއި މަރުވާ އާ ދެމެދު ސަޢުޔުކުރުމަށް ފަހުގަ އެވެ.

މިނާއަށް ދާ ހައްޖުވެރިން ތިބުމަށްޓަކައި މައްކާގެ އިދާރާތަކުން ވަނީ މިނާގައި ހުންނަ ޖަމްރަޢަތު އޭ ކިޔުނު ސަރަހައްދު ހާއްސަކޮށްފަ އެވެ. ކޮންމެ ހައްޖުވެރިއަކު ވެސް އެ ހައްޖުވެރިއަކަށް ހާއްސަކޮށްފައިވާ ޓެންޓަކަށް ދާނީ އެ ސަރަހައްދުގައި މަޑުކުރުމަށް ފަހު ގައެވެ.

އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން މިނާއަށް ހައްޖުވެރިން އަންނަން ފަށާފައިވާއިރު ސައޫދީގެ ސަރުކާރުންވަނީ ހަ މަދަނީ އިމާރާތެއްގެ އިތުރުން 70 ކޭމްޕެއް މިނާއަށް އަންނަ ހައްޖުވެރިންނަށް ހާއްސަ ކޮށްފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ސައޫދީ އަރަބިޔާގައި ދިރިއުޅެމުން އަންނަ 60،000 އަށްވުރެ ގިނަ މުސްލިމުން ބައިވެރިވެ އެވެ. މިއީ މި އަޅުކަމުގައި ބައިވެރިވުމަށް ހުށަހެޅި 558،000 މީހުންގެ ތެރެއިން ހޮވާލެވުނު މީހުންނެވެ.

ކޮވިޑް -19ގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކަކާއެކު ކުރިއަށްދާ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިންގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ސައޫދީގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. -- ސައޫދީ ގެޒެޓް