އަމިއްލަ ވިޔަފާރިއެެއް ފަށައި އެ މަސައްކަތުން އާމްދަނީ ހޯދުމަކީ ގިނަބައެއްގެ ހުވަފެނެކެވެ. ނަމަވެސް މި ހުވެފެން ހަގީގަތަކަށް ހެދުމަކީ 14 އަހަރުގެ ޒުވާނަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި އެ މަސައްކަތުން ލިބޭ އާމްދަނީ އަމިއްލަ ހަރަދުތަކަށް ބޭނުންކުރުމުގެ ބަދަލުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
އިންޑިއާއަށް ނިސްބަތްވާ 14 އަހަރުގެ އަރަދިތާ ގޮޮއެންކާއަކީ އެހެން ޒުވާނުންނަށް ހުރި މިސާލެެކެވެ. ވަރަށް ހަނގު އުމުރެއްގައި އޭނާ ވަނީ އަމިއްލަ މަސައްކަތެއް ފަށައި، އެ މަސައްކަތުން ލިބޭ އާމްދަނީ ބޭނުން ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރުމުގެ ކެމްޕެއިނެއް ފަށާފަ އެވެ.
"ދަ މިރެކަލް ޕްރޮޖެކްޓްއަކީ ކޮވިޑް ޕެންޑަމިކްގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާމީހުންނަށް އެހީވެ ދިނުމުގެ މަގުސަދުގައި ފެށި ޕްރޮޖެކްޓެއް،" އަރަދިތާ ބުންޏެވެ.
ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި ގޭގައި ހުރެ ލިބުނު ހުސްވަގުތުގެ ބޭނުންކޮށް ސިއްހަތަށް ފައިދާހުރި ކުކީސް އާއި ގުލަޓަން ފްރީ ފޮނި ކާތަކެތި ތައްޔާރުކުރަން އަރަދިތާ ފެށީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އަދި މި ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އޭނާ ހަދިޔާ ކުރަން ފެށި އެވެ.
އަރަދިތާ ބުނިގޮތުގައި ދަ މިރެކަލް ޕްރޮޖެކްޓަކީ ކެއްކުމަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި އިޖުތިމާއީ ކަންކަމަށް ހުންނަ ޝައުގުވެރިކަން އެކުވެ ފެށިގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މިކަމަށް އެންމެ ހިތްވަރު ލިބެނީ އޭނާގެ ބައްޕަ އާއި އާއިލާގެ ފަރާތުން ކަމަށް ވެސް އަރަދިތާ ބުންޏެވެ.
ހަނގު އުމުރެއްގައި އެހާ ފުޅާ މަސައްކަތެއް ފަށައިގަތުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން އަރަދިތާ ބުނީ ވިޔަފާރި ފަށައިގަތުމުގައި އޭނާގެ މަންމަގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ކަންތައްތަކެއް ފަސޭހަ ވެގެންދިޔަަ ކަމަށާއި ވިޔަފާރިއަށް ބޭނުންވާ ހުނަރާއި ގާބިލިއްޔަތުކަން ދަސްކުރީ އާއިލާގެ އެކި މީހުންގެ ފަރާތުން ކަމަށެވެ.
އަރަދިތާ ދަނީ ވިޔަފާރި ކުރުމުގެ އިތުރުން އޭނާގެ ހުނަރުތައް ކުރިއެރުވުމަށްޓަައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލިބޭ ހުސް ވަގުތުތަކުގައި އޭނާ ދަނީ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރި ވަމުންނެވެ.