މިހާރުގެ ކޯލިޝަން ސަރުކާރަށް އެއްވެސް ވަރަކަށް ތާއީދު ނުކުރައްވާ ކަމަށާއި މިސަރުކާރު ކުރިއަށްދާ ގޮތާމެދުގައި ހިތްހަމަނުޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް އާއި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ގުޅިވަޑައިގެން "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އެބޭފުޅުންނަށް ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ މީހާރު އިލެކްޝަން ކޮމިޝަނުން ވަނީ ދީފަ އެވެ.
އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އެ ބޭފުޅުން އުފައްދާ ޕާޓީއަކުން މިހާރުގެ ސަރުކާރަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އުޝާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްތިޔުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް ހުރި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ. އަދި މިސަރުކާރު ކުރިއަށްދާ މިސްރާބު އެއްވެސް ގޮތެއްގައި ރަނގަޅު ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާމެދުގައި ވާހަކަ ދައްކަވާފަ އެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ ތިކަމުގައި، އެއީ ބާޣާވާތެއްތޯ ނުވަތަ ނޫންތޯ ދަންނަވަން. އެއީ ނާޒިމަކީ އަޅުގަނޑުގެ ބޭބެއެއް. ދެން އެކަމަކު އަޅުގަނޑު ހިތަށްއަރާ ސުވާލަކީ، ނާޒިމާއި، ރިޔާޒް ބާޣީންނަށް ވެފައި ޢަބްދުﷲ ޝާހިދާއި ޝެއިޚް އިމްރާން ބާޣީންނަށް ނުވަނީ ކީއްވެބާއޭ؟" އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އޭނާ އުފައްދަވަން މަސައްކަތް ކުރަށްވާ ޕާޓީއަށް މަޖިލީހުގެ އިތުރު ދެތިން މެންބަރަކު ވެސް ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް ކަމެއް ރަސްމީ ނުވާ ކަމަށެވެ.
އުޝާމް އުފައްދަވާ ޕާޓީއާ ގުޅިވަޑައިގަތުމަށްޓަކައި ކާނަލް ނާޒިމާއި، ރިޔާޒް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.