މުސްލިމުންގެ ތިންވަނަ ޚަލީފާ އުސްމާން ބިން އައްފާންއަކީ އެ ބޭކަލެއްގެ ދީލަތިކަމަށްޓަކައި މަޝްހޫރުވެފައިވާ ބޭކަލެކެވެ.

އެކަލޭގެފާނުގެ ޚިލާފަތު ނިމި، އެތައް ޒަމާންތަކެއް ވެފައި ވީނަމަވެސް އުސްމާނުގެފާނުގެ ދީލަތިކަން ދުނިޔެ މަތިން މިއަދު ވެސް ފެންނަން އެބަހުއްޓެވެ.

އެކަމުގެ އެންމެ ބޮޑު ހެއްކަކީ މިއަދު ވެސް އެ ކަލޭގެފާނުގެ ނަންފުޅުގައި މަދީނާގައި ހޮޓަލެއް ހިނގައި، އެ ހޮޓަލުން ލިބޭ ހުރިހާ މަންފާއެއް ސަދަގާތްކުރެވެމުން ދިއުމެވެ.

މީގެ 1400 ހާ އަހަރު ކުރިން އުސްމާނުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ޔަހޫދީ ވިޔަފާރިވެރިއެއްގެ އަތުން މުސްލިމުންނަށްޓަކައި ފެންވަޅެއް ބައްލަވައިގަތެވެ. އެއަށްފަހު އެ ވަޅަކީ އެކަލޭގެފާނުގެ ފަރާތުން މުސްލިމު އުއްމަތަށް ކުރެއްވި ވަގުފެއްކަމުގައި ވިދާޅުވި އެވެ.

އިސާހިތަކު އެ ފެންވަޅުގެ ވަށައިގެން ކަދުރު ރުއްތައް ފަޅައި ބޮޑުވާން ފެށި އެވެ. އަދި އެކަލޭގެފާނުގެ ފަހުން އެ ސަރަހައްދަށް އިސްވެ ވަޑަގެންނެވި ވެރިން ކަދުރުން ވިޔަފާރިކުރައްވާ ލިބުނު މަންފާގެ ދެބައިކުޅަ އެއްބައި އުސްމާނުގެފާނުގެ ނަންފުޅުގައި ބޭންކް އެކައުންޓެއް ހުޅުވައި ޖަމާކުރެއްވި އެވެ. ދެން އޮތްބައި ހަދިޔާ ކުރެއްވީ ޔަތީމުންނާއި ފަގީރުންނަށެވެ.

ބޭންކަށް ޖަމާކުރެވެމުން ދިޔަ ފައިސާ އިތުރުވެ މަދީނާގެ މެދުން ބިމެއް ގަނެވޭ ވަރަށް ފައިސާ އެއްވުމުން ސައޫދީ އަރަބިޔާގެ ސަރުކާރުން ވަނީ އެ ފައިސާ އިން ބިމެއްގަނެ، އެ ބިމުގައި ފެންވަރު ރަނގަޅު ހޮޓަލެއް އިމާރާތްކޮށްފަ އެވެ.

ބުނެވޭ ގޮތުގައި މި ހޮޓަލުގެ އަހަރީ ފައިދާގެ ގޮތުގައި 50 މިލިއަނަށް ވުރެ ސައޫދީ ރިޔާލް ލިބޭއިރު، އޭގެ ތެރެއިން އެއްބައި މީސްކީނުންނަށާއި ޔަތީމުންނަށް ސަދަގާތް ކުރުމަށްފަހު ބާކީ ބައި އެކަލޭގެފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ޖަމާކުރެވެ އެވެ.