ވޮޝިންޓަން (27 ޖުލައި) - 5-11 އަހަރާ ދެމެދުގެ ކުޑަކުދިންން މޮޑާނާއިން ކުރިއަށް ގެންދާ ވެކްސިން ޓްރަޔަލްތަކުގައި ބައިވެރިކުރަން ފެށުމަށް އެމެރިކާގެ ސިއްހީ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ކޮވިޑް 19 އާ ދެކޮޅަށް ރައްކާތެރިކަން ލިބިފައިވާ އާބާދީ ބޮޑު ކުރުން ކަމަށް މޮޑާނާއިން ބުންޏެވެ.

އެކުންފުނީގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި މިއަހަރުގެ ފިނި މޫސުމަށް ވާއިރަށް ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭވަރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޮޑާނާއިން މި އިއުލާން ކުރުމުގެ ކުރިން އެމެރިކާގެ އިދާރާތަކުން މޮޑެނާ އާއި ފައިޒާ ވެކްސިން ކުންފުނިތަކަށް ވެކްސިން ޓްރަޔަލްތަކުގައި ބައިވެރި ކުރާ އުމުރުފުރާ ފުޅާ ކުރުމަށް އެދިފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ.

މި ކަމާ ބެހޭގޮތުން ފައިޒާ ވެކްސިން އުފައްދާ ބައޯންޓެކް އިން ވަނީ އެކުންފުނީގެ ވެކްސިން ޓައިމްލައިންއަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު ކަމަށެވެ.

އެމެރިކާގެ ސިއްހީ އިދާރާތަކުން ވަނީ މި ކުންފުނިތަކަށް އެ ކުންފުނިތަކުގެ ޓްރަޔަލް ތަކުގައި 5-11 އަހަރާ ދެމެދުގެ 3000 ކުދިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ. --ރޮއިޓާސް