ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޕާކިން ޒޯންގައި އެހެން ފަރާތްތަކުން ޕާކު ކުރުމަކީ ވަރަށް ދެރަކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޕާކިން ޒޯނުގައި އާންމުބައެއް ފަރާތްތަކެއްގެ އުޅަނދުތައް ޕާކުކޮށްފައިވާ ފޮޓޯއެއް ޓުވިޓާގައި މީހަކު ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށް، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފަ އެވެ.

އެކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ޕާކިން ސްލޮޓްތަކުގައި އާންމުންގެ ވެހިކަލް ޕާކް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމައު ތަރައްގީވާނީ އަޅުގަނޑުމެންގެ ވިސްނުމާއި ޢަމަލުތައް ތަރައްޤީވެގެން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ޕާކިން ސްލޮޓްތަކުގައި އެހެން މީހުން ވެހިކަލް ޕާކްކުރުމަކީ ވަރަށް ދެރަކަމެއް ކަމެއް. އަޅުގަނޑުމެންގެ މުޖުތަމައު ތަރައްގީވާނީ، އަޅުގަނޑުމެންގެ ވިސްނުމާއި އަމަލު ތަރައްގީވެގެން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކުރުމުގެ މައްސަލައަކީ ހައްލެ ނުލިބިފައިވާ މައްސަލައެކެވެ. ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ޖޫރިމަނާ ކުރި ނަމަވެސް އެކަމަށް ހައްލެ ލިބިފައެއް ނުވެ އެވެ.

މިހާރުގެ މާލެ ސިޓީ ކައުންސިލުން މިކަމަށް ހައްލެއް ގެނައުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.