ނާގާބިލު ކަމުގެ ރަންވަނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގު ނުނިމި ލަސްވާ ލަސްވުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވަނީ ރިލްވާނަށް އިންސާފު ހޯދައިދެވުނީތޯ ވިދާޅުވެ ރައީސް ސޯލިހު ޓެގް ކުރައްވައި ސުވާލު އުފައްދަވާފަ އެވެ.

ޑރ. ޖަމީލް ވަނީ ރައީސް ސޯލިހަށް އެ މައްސަލައާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ. އެގޮތުން ސިޔާސީ ތަހުގީގު ހިންގުމާއި ޕްރޮޕެގެންޑާ ލިޔުންތަކުން އާއިލާއަށް ތަސައްލީ ލިބެނީތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ރިލްވާންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދައުވާ އުފުލި މީހުން ރައީސް ސޯލިހުގެ އަރިހުގައި ނެތްތޯ ވިދާޅުވެ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

ޑރ. ޖަމީލް އެފަދައިން ސުވާލު އުފައްދަވާފައިވާ، ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީން ވަނީ 2018 ގެ ރިޔާސީ ކެމްޕެއިންގައި ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވާފަ އެވެ. ރައީސް ސޯލިހާއެކު ނޫރައްދީން ކެމްޕެއިން ފޮޓޯތައް ވެސް އެއިރު ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން އަންނަ އަންގާރަ ދުވަހު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވެފައި ވަނީ އެއީ މަރު ކޮމިޝަން ފެއިލްވުމުން އެކަމުގެ މަތިޖަހަން ކުރާ ކަމެއް ކަމަށެވެ.