ގާބިލު ދިވެހި މުވައްޒަފުން ބޭރުކުރުމުގެ ސަބަބުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މިހާރު އޮތީ ފުނޑުފުނޑުވެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީނު ވިދާޅުވެއްޖެ އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު، ކެޕްޓަން އަމީން ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ އެމްއޭސީއެލްގައި ތިބި ގާބިލު ދިވެހި މުވައްޒަފުން ބޭރުކުރުމަށްފަހު އެމަގާމުތަކަށް ބޭރުގެ ފަރާތްތަކުން އައްޔަން ކުރުމުގެ ސަބަބުން އެކުންފުނި ހަލާކުވެފައިވާ ކަމަށެވެ.

"އެމްއޭސީއެލް މިހާރު އޮތީ ފުނޑުފުނޑުވެފަ" އަމީން ވިދާޅުވި އެވެ.

އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ރޫހެއްވެސް މިހާރަކު ނެތް ކަމަށާއި އެކުންފުނީގެ ހިދުމަތްތަކެއް ފޯރުކޮށް ނުދެވޭ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ކެޕްޓަން އަމީން ވިދާޅުވީ މިސަރުކާރުން ކުންފުނީތަކުގެ ޕޮލިސީއަށް ބަދަލުތައް ގެނައުމުގެ ސަބަބުން ދައުލަތުގެ ހުރިހާ ކުންފުނިތަކަކާއި އިދާރާތަކެއް އިދަޖެހިފައިވާ ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ޓެކްނިކަލް ފަރާތްތަކަށް ބޮޑެތި ނުފޫޒުފޯރުވާ، އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައި ތިބި ފަރާތްތައް ކުންފުނި ދޫކޮށް ދާންޖެހޭ ހާލަތަށް ކަންތައް ގެންދިޔަ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

ކެޕްޓަން އަމީންގެ ޓު

ވީޓަށް ތާއީދު ކުރައްވާ އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފިޝަރު މުހައްމަދު ނިޔާޒް ވިދާޅުވީ މިސަރުކާރުން ގާބިލު ދިވެހިން މުވައްޒަފުންގެ އަގު ވަޒަން ނުކުރާ ކަމަށެވެ. އަދި މިސަރުކާރަށް މުހިއްމު ވަނީ ބޭރުގެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުން ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑެޕިއުޓީ ޗީފް އޮފިސަރު ކޯޕަރޭޓް އެފެއާޒް މުހައްމަދު ނިޔާޒް 31 އަހަރަށް ފަހު ވަނީ މިދިޔަ މަހު ވަކިވެވަޑައިގެންފަ އެވެ.

ކެޕްޓަން އަމީނާއި ނިޔާޒް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާފައިވާއިރު އެމްއޭސީއެލްގެ އިސް މަގާމުތަކަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކެއް އައްޔަން ކޮށްފަ އެވެ. އަދި އެކި ކުންފުނިތަކަށް މީހުން އައްޔަން ކުރާއިރު ދާއިރާގެ ތައުލީމް ލިބިފައިނުވާ ފަރާތްތައް އައްޔަން ކުރާކަން ފާހަގަ ކޮށްލެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވި ފަހުން އޭވިއޭޝަން ދާއިރާގެ ކަންކަން ދޯހަޅިވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.