ކީޓޮޖެނިކް ނުވަތަ ކީޓޯ ޑައިޓަކީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ޑައިޓެކެވެ. ސިއްހަތަށް ފައިދާ ހުރި ޑައިޓް ޕްލޭން އެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެފައިވާ ޑައިޓެކެވެ.

ނަމަވެސް އެންމެ ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ކީޓޯއަކީ އެއިން ސިއްހަތަށް ބޮޑު ގެއްލުންތަކެއް ލިބުމަށް ފަހިކޮށްދޭ ޑައިޓެކެވެ.

އެގޮތުން ކީޓޯ ޑައިޓުތަކުގެ ސަބަބުން ހިތުގެ ބައްޔާއި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް މި ދިރާސާތަކުގައި ހޯދިފައިވެ އެވެ. މީގެ އިތުރުން އެއީ ކިޑްނީގެ ބަލި ހުންނަ މީހުންނާއި މާބަނޑު އަންހެނުންނަށް ވެސް ނުރައްކާތެރި ޑައިޓެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

"ފްރޮންޓިއާސް އިން ނިއުޓްރިޝަން"ގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި އިތުރަށް ބުނާ ގޮތުން ކީޓޯ ޑައިޓަކީ ދިގު މުއްދަތުގައި ނުރަނގަޅު އަސަރުތަކެއް ސިއްހަތަށް ކުރާނެ ޑައިޓެކެވެ.

ކީޓޯ ޑައިޓްގައި ރެޑް މީޓް އާއި ސެޗުރޭޓަޑް ފެޓް ގިނަ އަދަދަކަށް ހިމެނިފައި ކާބޮހައިޑްރޭޓްސް ލިއްބައިދޭ ތަރުކާރީ ނުހިމެނުން އެއީ ސިއްހަތަށް ގެއްލުންދޭ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ކީޓޯގެ ސަބަބުން ހަށިގަނޑުގައިވާ ކޮލެސްޓްރޯލްގެ މިންވަރު ވެސް އިތުރުވާ ކަމަށް އެނގިފައިވެ އެވެ.

ކީޓޯ ޑައިޓަކަށް އަމަލު ކޮށްފި ނަމަ ކުރު މުއްދަތެއްގައި ބަރުދަން ލުއި ކުރެވުނު ނަމަވެސް އެއީ ދިގު މުއްދަތަކަށް ބަލާއިރު ސިއްހަތަށް ގެއްލުން ދެނިވި ޑައިޓެކެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ކީޓޯ ޑައިޓުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑު ކަމުގައި ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.