މެލޭޝިއާއިން މާތްވެގެންވާ މައްކާގެ ބިމަށް ފަތާފައި ދާން އުޅުނު މީހަކު ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

އުމުރުން 28 އަހަރުގެ އެ މީހާ ކަނޑަށް ފުންމާލީ ތަންޖުން ސިޓީ މެރީނާ ކައިރިންނެވެ.

މަންޒަރު ދުށް މީހުން މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރުމާއެކު އޭނާ ހައްޔަރު ކޮށްފައި ވަނީ އޭގެ ކުޑަ އިރުކޮޅެއް ފަހުން ފެންމަތީ މަތީގައި އޮއްވަ އެވެ.

އެނގިފައިވާ ގޮތުގައި ހަމަ މި މީހާ ވަނީ މީގެ ކުރިން ވެސް ރަހުމަތްތެރިއަކާ ބައްދަލުކުރަން އެއްގަމު ދަތުރުކުރުމުގެ ހުއްދަ ނުލިބުމުން ފަތާފައި އެ ގައުމުގެ ސެބްރަންގް ޕްރައި އަށް ގޮސްފަ އެވެ.

ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނިގޮތުގައި މި ދެ ހާދިސާގައި ވެސް ހިމެނެނީ އެކެއް ކަމަށާއި މިފަހަރު އޭނާ ބޭނުންވީ ފަތާފައި މާތްވެގެންވާ މައްކާގެ ބިމަށް ދިއުމަށް ކަމަށެވެ.

މި މިހާ ވަނީ އަވަސްފަރުވާ ދީ ނަފްސާނީ ސިއްހަތުގެ ކަންކަން ބެލުމަށްޓަކައި ވަނީ ޕިނާންގް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ހާދިސާ ހިނގިއިރު އެ މީހާ ވަނީ މަސްތުގެ ހާލަތުގައި ނޫންކަން ފުލުހުންނަށް ޔަގީން ވެފައިވީ ނަމަވެސް، ފަތާފައި މައްކާއަށް ދާން އުޅުނު ސަބަބެއް އެނގިފައެއް ނުވެ އެވެ.

މެލޭޝިއާއާއި ސައޫދީ އަރަބިއާގެ މައްކާއާ ދެމެދު ބޯޓެއްގައި ކަނޑު ހުރަސްކޮށް ދިއުމަށް 4،455 ނޯޓިކަލް މޭލުގެ ރާސްތާއެއް ހުރަސް ކުރަން ޖެހެ އެވެ.