ސެންޓިއާގޯ (07 އޮގަސްޓް)- ޗިލީގެ ސަފާރީ ޕާކެއްގައި މަސައްކަތްކުރި މުވައްޒަފަކަށް އެ ޕާކުގައި ގެންގުޅުނު މިނިކާ ވަގެއް ހަމަލާދީ މަރާލައިފި އެވެ.
ވެރިރަށް ސެންޓިއާގޯ އާ 90 ކިލޯމީޓަރު ދުރުގައި ހުންނަ ރެންކެގުއާ ސަފާރީ ޕާކްގައި އެ އަންހެން މީހާ މަސައްކަތްކުރަމުން ދިޔައީ މަސައްކަތު މީހެއްގެ ގޮތުގަ އެވެ.
މި ޕާކަށް ޒިޔާރަތްކުރާ މީހުން ސަފާރީއެއްގައި ދަތުރުކުރާއިރު ވަލު ޖަނަވާރުތައް މިނިވަންކަމާއެކު އެ ސަރަހައްދުގައި އުޅެ އެވެ. ޒިޔާރަތްކުރާ މީހުންނަށް ހަމަލާ ދިނުން ހުއްޓުވުމަށްޓަކައި އެސޮރުމެން އުޅޭ ސަރަހައްދު ވަށައިގެން ކޯރު ކޮނެފައިވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މިނިކާވަގު ބަންދުކޮށްފައި އޮތް ކޮށީގެ ދޮރު ހުޅުވިފައި ހުރިކަން ނޭނގި ސާފުކުރުމަށްޓަކައި އެ މީހާ އެ ސަރަހައްދަށް ދިއުމުންނެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާގެ ކަރަށް ގިނަ ގެއްލުންތަކެއްވެފައި ވާއިރު، އޭނާ ވަނީ ވަގުތުން ވަގުތަށް މަރުވެފަ އެވެ.
މި ހާދިސާ އާ ބެހޭގޮތުން ރެންކެގުއާ ސަފާރީ ޕާކްގެ ބަހެއް ލިބިފައި ނުވާއިރު، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ފާކު ވަނީ އާއްމުންނަށް ބަންދު ކޮށްފަ އެވެ. – އަލް އަރަބިއްޔާ