ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ހޮލްގާ ލޯތާ ސިއުބާޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަރުމަނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ. އަދި، އެމަނިކުފާނުގެ ސަފީރުގެ ދައުރުގައި ރާއްޖެއާއި ޖަރުމަނާ ދެމެދުގައިވާ އެކުވެރި ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޖަރުމަނަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި ޖަރުމަނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ޖަރުމަނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި، ޖަރުމަނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެ އެވެ. މިގޮތުން، ދެބޭފުޅުން ވަނީ ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއާއި، އިގްތިސޯދީ ދާއިރާއާއި، ސިއްޙީ ދާއިރާ އަދި، ތައުލީމީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ދެބެފުޅުން ވަނީ ދެ ޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލާތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުގެ އަމާޒަކީ ވަކި ގައުމެއްގެ ރައްޔިތުން ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހާ ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖަރުމަނުގެ ސަފީރު ވަނީ، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމުން ޝުކުރު އަދާކުރައްވައި، ޖަރުމަނުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.