ރިޔާދް (08 އޮގަސްޓް) - ސައުދީ އަރަބިއާ ނޫން އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުން އުމްރާވުމަށް އެދި ހުށައަޅާ ހުށަހެޅުންތައް މިއަދުން ފެށިގެން ބަލައިގަންނާނެ ކަމަށް ސައޫދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ، ސައޫދީ ޕްރެސް އޭޖެންސީން ބުނި ގޮތުގައި އެ ގައުމުން އެއްފަހަރާ އުމްރާ ވެވޭ މީހުންގެ އަދަދު ދެ މިލިއަނަށް އަރަންދެން ކޮންމެ މަހަކު ވެސް އިތުރު ކުރަމުންދާނެ ކަމަށެވެ.

ހާލަތަށް ބަލާފައި މިވަގުތު އުމްރާގެ ހުއްދަތައް ދޫކުރާނީ އީތުމަރުނާ އަދި ތަވައްކަލްނާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާޙް މަޝަތު ވިދާޅުވީ ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން އުމްރާވެރިންނަށް ފަސޭހަ އަދި ރައްކާތެރި އިންތިޒާމުތަކެއް ރާވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އުމްރާވުމަށްޓަކައި އެހެން ގައުމުތަކުން އަންނަ މުސްލިމުން ވެކްސިން ޖެހިކަމުގެ ސެޓްފިކެޓެއް ހުށައަޅަން ޖެހޭއިރު އުމްރާ ވެވޭނީ ފައިޒާ، މޮޑާނާ، އެސްޓްރާޒެނެކާ އަދި ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ކަމަށް ސައޫދީގެ އިދާރާތަކުން ބުނެ އެވެ.

މަސްޖިދުލް ހަރަމްގެ އޮފިޝަލުން ވަނީ މިއަހަރުގެ އުމްރާ މޫސުމާ ދިމާކޮށް ދެ ހަރަމް ސާފުކޮށް ސެނިޓައިޒްކުރުމުގެ މަސައްކަތް އިތުރުކޮށްފަ އެވެ. އެގޮތުން ދުވާލަކު 4،000 މުވައްޒަފުންނާއި 60،000 ލީޓަރުގެ ތިމާވެށްޓާ ރައްޓެހި ސެނިޓައިޒާ ހަރަމްފުޅު ސާފު ކުރުމަށްޓަކައި އަންނަނީ ބޭނުން ކުރަމުންނެވެ.