އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުގައި ދައުވާކުރިޔަސް ދެން އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވުމުން އޭނާ ކުރިން ވިދާޅުވީ ދައުވާކޮށްފިނަމަ މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނަވާނެ ކަމަށެވެ. ނަމަވެސް މިރޭ ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ އެ ނިންމުން ބަދަލުކުރީ ޕީޖީ އޮފީހުން އަމަލުކުރާ ގޮތުން ކަމަށެވެ.

މަހުލޫފްގެ މައްސަލަ ދިރާސާކުރި ޕްރޮސިކިއުޓަރުންގެ ޓީމްގެ އަތުން އެ މައްސަލަ ނަގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އަބްދުﷲ ރާބިއުއާ އެ މައްސަލަ ހަވާލުކޮށްފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން މިރޭ ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ އޭނައާ މެދު ޕީޖީ އޮފީހުން ތަފާތުކުރުންތަކެއް ގެންގުޅޭކަން އެކަމުން ހާމަވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ގިނަވެގެން ހަ ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެފަހުން މިހާރު އެތަކެއް ދުވަސް ފަހަނައަޅައި ހިނގައްޖެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމަން ނަގާފައޮތް ކޮމިޓީން ނަގައި އެހެން ބަޔަކާ މައްސަލަ ހަވާލުކުރީ އެ ކޮމިޓީން ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާއިރު، އެ ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް މަހުލޫފް ވިދާޅުވީ އެއީ އޭނާގެ އާއިލީ ވިޔަފާރީގައި ޑޮލަރު އެކައުންޓެއް ނެތުމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށެވެ. އަދި އެއީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.