އިއްޔެ އަކީ މި އަހަރުގެ ދިރާސީ އާ އަހަރު ފެށުނު ދުވަހެވެ. ދިގު ބަންދަކަށް ފަހު ދަރިވަރުން އުނގެނުމުގެ އާ ސަފްހާއަކާ ކުރިމަތިލި ދުވަހެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު ތަފާތުވި ކަމަކީ މީލާދީ އަހަރުގެ މެދު ތެރެއިން ކިޔެވުން ފެށިގެން ދިއުމެވެ. ޒަމާނުއްސުރެ ދިވެހިން ހޭނިފައި އޮތް ގޮތާ ޚިލާފަށް ދިރާސީ އަހަރުގެ ރޭވުން ބަދަލު ވެގެން ދިއުމެވެ.

ނަމަވެސް ސުވާލަކީ މިއީ އެންމެ ރަނގަޅު ގޮތްތޯ ކުރެވޭ ސުވާލެވެ. ކޮވިޑް 19ގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފައި އޮތް ދަނޑިވަޅެއްގައި މި ގެނެވުނު ބަދަލަކީ އެންމެ މުނާސަބު ބަދަލު ތޯ ކުރެވޭ ސުވާލެވެ.

ދިރާސީ އާ އަހަރު މީލާދީ އާ އަހަރުގެ މެދު ތެރެއިން ފެށުމަކީ ހުޅަނގުގެ ގައުމުތަކުގެ ސަގާފަތެކެވެ. އެ ގައުމުތަކުގެ "ސަމާ ބްރޭކް"އަކީ އެ ގައުމުތަކުގެ މޫސުމަށް ބަލައި ދަރިވަރުންނަށް ޗުއްޓީ ދެވެ އެވެ. އެހެން ނަމަވެސް މިއީ ރާއްޖެއާ އެކަށޭނަ ސަގާފަތެއްތޯ ސުވާލު އުފެދެ އެވެ.

މި ބަދަލަށް ތާއީދުކުރާ މީހުންގެ ވާހަކަ އަކީ ކުރިން ބޮޑު ޗުއްޓީ ދެވެމުން އައި ޑިސެމްބަރު މަހަކީ ދިވެހި ރާއްޖޭގެ އިގްތިސާދީ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ހައި ސީޒަނަށްވެފައި، އެ ދުވަސްވަރު އެ ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ޗުއްޓީ ދިނުމުގައި ހުރި ދަތިތަކުގެ ވާހަކަ އެވެ.

ތެދެކެވެ. ހައި ސީޒަންގައި ޗުއްޓީ ދިނުމަކީ ވިޔަފާރި ވެރިންނަށް ވެސް އުނދަގޫ ކަމަކަށް ވާނެ އެވެ. ނަމަވެސް ހައި ސީޒަންގައި ޗުއްޓީ ނުދެވި މިކިޔާ ލޯ ސީޒަން ތެރޭގައި ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދިނުމުން ވެސް ދަތިތަކެއް ކުރިމަތި ނުވާނެބާވަ އެވެ؟ ފަތުރުވެރިން ކިތަންމެ މަދަސް ލޯ ސީޒަންގެ މަދު ދުވަސްކޮޅުގައި ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދޭން ޖެހޭނަމަ ވެސް ކުރިމަތިވާނެ ދަތިތައް ހުންނާނެ ކަން ޔަގީނެވެ.

ދެން އޮތީ ސާނަވީ ސްކޫލް ނިންމައި މަތީ ސާނަވީ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންގެ ހަމަސް ދުވަސް ގެއްލޭ ވާހަކަ އެވެ. ދިރާސީ އަހަރުގެ ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމުން ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑޭ ވާހަކަ އެވެ.

ކިޔެވުމުގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވުމަކީ މުހިއްމު ބަދަލެކެވެ. ހާއްސަކޮށް ސާނަވީ އިން މަތީ ސާނަވީއަށް ބަދަލުވާ ބަދަލުވުމަކީ ދަރވަރުންގެ އުނގެނުމުގެ ހަޔާތުގައި އެޅޭ ފާހަަ ކޮށްލެވޭ ބަދަލެކެވެ. މި ބަދަލާއި ކުރިމަތިލާއިރު މެދުކެނޑުމެއް ނުވަތަ "ބްރޭކް" އެއް ދަރިވަރުންނަށް ލިބުމަކީ މަތީ ސާނަވީއަށް ކިޔެވި ދަރިވަރެއްގެ ހައިސިއްޔަތުން މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. ބައިނަލްއަގްވާމީ ބޮޑު އިމްތިހާނަކާ ކުރިމަތި ލުމަށްފަހު އެލިބޭ ހަމަސް ދުވަހަކީ ކިޔެވުމުގެ ދެން އޮތް މަރުހަލާ އަށް ތައްޔާރު ވުމަށްޓަކައި ލިބުނު ފުރުސަތެކެވެ.

މި ހަމަސް ދުވަހަކީ ކޮންމެހެން "ގެއްލޭ" މުއްދަތަކަށް ވާކަށް ނުޖެހެ އެވެ. މި މުއްދަތުގައި ވެސް ދަރިވަރުންނަށް ހިއްސާ ވެވޭނެ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހުރެ އެވެ. އެހެން ކަމުން މަތީ ސާނަވީ އާ ކުރިމަތިލާއިރު އިތުރު ހުނަރެއް ނުވަތަ އިލްމެއް ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބެ އެވެ.

ދެން އޮތީ މޫސުމެވެ. ހުޅަނގުގެ މޫސުމަށް ބަލައި އެގައުމުތަކުގެ ދަރިވަރުންނަށް ޗުއްޓީ ދޭއިރު މި ގެނެވުނު ބަދަލުގައި ރާއްޖޭގެ މޫސުމަށް ބެލުނީ ކިހާވަރަކަށްތޯ އެވެ. މިހާރު އޮތް ގޮތުންނަމަ ދަރިވަރުންގެ ބޮޑު ޗުއްޓީ ދިމާވަނީ ހުޅަނގު މޫސުމުގެ ބާރު އެންމެ ގަދަވާ ދުވަސްވަރަށެވެ. މަޝްހޫރު ޖޫން ޖުލައި ވިއްސާރަ އަށެވެ. ކަންމިހެން އޮތް އިރު ދަރިވަރުންނަށް އެންމެ އެދެވޭ ގޮތުގައި އެ ޗުއްޓީ ބޭނުންކުރެވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މީގެ އިތުރުން ވެސް ކޮވިޑް 19ގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފައިވާ އޮތް ދަނޑިވަޅެއްގައި މިއީ ގެންނަން އެންމެ އެކަށޭނަ ބަދަލެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދަރިވަރުންގެ ކިޔެވުން ރަނގަޅު ކުރުމަށްޓަކައި މިއަދުގެ ހާލަތާ އެންމެ މުނާސަބު ބަދަލަކީ މިއީތޯ އެމީހުން ސުވާލު ކުރެ އެވެ.

ކޮންމެއަކަސް ބަދަލު އޮތީ ގެނެވިފަ އެވެ. ރަނގަޅަސް ނުބަޔަސް ބެލެނިވެރިންނަށް ދެންއޮތީ އެ ބަދަލަށް ހޭނުމެވެ. މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ނިންމުން އޮތީ ބެލެނިވެރިންގެ އަތް މަތީގަ އެވެ.