ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަންޑުކުރި ބަޔަކު އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

އަފީފް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީއިން ގެނެސްދިން ފޮރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުލުހުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ހަމަލާ ދިން މީހުން އެޕާޓްމަންޓް ހިފާފައި އެބަހުރި ކަމަށާއި، ސައިކަލެއް ގަނެފައި އެބަހުރި ކަމަށް ވިދާޅުވެ، ހަމަލާ ދިން މީހުންނަށް މިފައިސާ ދިނީ ކާކުތޯ ސުވާލު އުފެދޭ ކަމަށެވެ.

ކޮވިޑް ހާލަތާއި ގުޅިގެން ސަރުކާރުން ދީފައިވާ އިންކަމް އެލެވެސް ހަމަލާ ދިން މީހުންނަށް ލިބުނު ގޮތާއި މެދުގައިވެސް އަފީފް ވަނީ ސުވާލު އުފައްދާފަ އެވެ.

"ވަޒީފާ އަދާކުރާ އެތައްބަޔަކަށް، ވަޒީފާ އަދާކުރާ ފަރާތުން ރިޕޯޓު ދިނުމުން ވެސް ޝަރުތު ހަމަނުވޭ. އަދި ކޮވިޑް އެލަވަންސް ލިބިފައި ވެސް ނުވޭ. އެކަމަކު ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުންނަށް ކޮވިޑް އެލަވަންސް ދޭން ޝަރުތު ހަމަވެ، އެ މީހުންނަށް އެލެވަންސް ލިބިފައި. މިއީ ސުވާލު އުފެދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ މިހާރު ހައްޔަރު ކޮށްފައިވާ މީހުންގެ ހިސާބުން މިކަން ނިންމާލާނަމަ މިހަމަލާއަށް ހަރަދުކުރި މީހުން ނުހޯދޭނެ ކަމަށެވެ. އެހެން ނަމަވެސް މި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާނެ ކަމުގެ ޔަގީންކަން ސަރުކާރުންނާއި ފުލުހުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އަފީފު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، އޭނާ ގެންދަވަނީ ފަހަކަށް އައިސް ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގައި އެޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، އަފީފު ފާހަގަވަނީ، ރައީސް ނަޝީދަށް ނިސްބަތްވާ ފެކްޝަނުގައި ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ނަޝީދުއަށް ހަމަލާ ދިނުމުގައި ހަރަދުކުރި ބަޔަކު ތިބޭނެ ކަމަށް އަފީފް ވިދާޅުވި ނަމަވެސް ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މިއީ ފައިސާ ދީގެންކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.