ކްލަބު ހައުސްގައި އެމަނިކުފާނުގެ ނަން ބޭނުންކޮގެން މީހަކު ނަފްރަތު އުފައްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކްލަބް ހައުސްގައި ބޭނުންކުރާ އެކައުންޓަކީ މުހައްމަދު ނަޝީދުގެ ނަމުގައި ހަދާފައިވާ އެކައުންޓުކަމަށެވެ. އެނޫން އެކައުންޓެއްގައި އެމަނިކުފާނު ކްލަބް ހައުސްގައި ނޫޅޭނެކަމަށާއި، ނަމަވެސް އެމަނިކުފާނަށް ހެދިގެން ކަލްބް ހައުސްގައި ވާހަކަ ދައްކާ މީހަކީ ކާކުކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކްލަބް ހައުސްގައި އެއީ ކާކުކަމެއް ނޭނގެ. މިކަން ސާފުކޮށްދިނުން ވަރަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ކްލަބް ހައުސްގައި ވާހަކަދައްކާ މީހުންގެ ތެރެއިން ކާކުކަން ނޭނގޭ ގޮތަށް ވާހަކަދައްކާ މީހަކު އެއީ ރައީސް ނަޝީދު ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަހު އެމަނިކުފާނު އަންނަނީ ރާއްޖެއިން ބޭރު ފަރުވާ ހޯދަމުންނެވެ.

މިހަމަލާއަށް ފަހު ރައީސް ނަޝީދު އާއި ރައީސް ސޯލިހު ދެމެދު ސިޔާސީ ހިޔާލު ތަފާތުވުން އުފެދި ރައީސް ނަޝީދު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.