މާލެ ސަރަހައްދުގެ ގޭގެއަށް ވަދެ ކުނި ނެގުމަށް މާލެ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވި ނަމަވެސް އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށް ވެމްކޯއިން ބުނުމުން، އެކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ކުނި ނެގުމުގެ ކަންކަން ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާއިރު ދޮގު ބަޔާންތައް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މަޝްވަރާ ކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ކޮންމެ މަހަކު ވެމްކޯއަށް ކައުންސިލުން ކުރަން ޖެހޭ ޚަރަދުގެ ތަފްސީލް ވެސް ހާމަ ކުރައްވައިފަ އެވެ.

"ކޮންމެ މަހަކު ވެމްކޯއަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު. ހިތާމަޔަކީ، ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާކަން. މިކަމަކީ ސިޓީ ކައުންސިލުން އިސްލާހުކުރުވަން މަސައްކަތް ކުރާނެކަމެއްކަން ދަންނަވަން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ވެމްކޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް 16 އިން ފެށިގެން މާލެ ސަރަހައްދުގެ ގޭގެއިން ކުނި ނެގުމުގައި އަމަލުކުރަން ފެށި އުސޫލަށް ބަދަލުގެނައި ކަމަށް ބުނެ ފަތުރަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

ހަމައެހެންމެ އެފަދަ ބަދަލެއް އެކުންފުނިން ގެންނަ ނަމަ، އިސް އިދާރާތަކާއި މަޝްވަރާކޮށް ރައްޔިތުންނަށް އަންގައި އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާފަންނު ރައްޔިތުނާއެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ނަގަމުންގެންދާނީ ކުރިއެކޭ އެއްގޮތަށް ގޭގެއަށް ވަދެގެން ކަމަށެވެ.