ދަރިމައިވުމަކީ ގުދުރަތީ ގޮތުން އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ނިޒާމެކެވެ. އުމުރުން ދުވަސް ވީ ވަރަކަށް މި ނިިޒާމުގެ ހިނގުމަށް އެކި ކަހަލަ ބަދަލު އައުމަކީ ގުދުރަތީ ކަމެކެވެ. ހާއްސަކޮށް އަންހެނެއްގެ އުމުރުން ދުވަސްވާ ވަރަކަށް އޭނާގެ ދަރިމައިވުމުގެ ގާބިލިއްޔަތަށް ބަދަލު އާދެ އެވެ.

އަންހެން ކުއްޖަކު އުފަންވާއިރު އޭނާގެ އުމުރުގައި ދަރިމައިވުމަށް ބޭނުން ކުރާނެ މިލިއަނެއްހާ ބިސް ރަހިމުގައި ލައްވާފައިވެ އެވެ. ނަމަވެސް ފުރާވަރަށް އަޅައިގެން އަންނައިރު މި އަދަދު 300،000 އަށް ދަށްވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނަކު ދަރިމައިވުމަށް އެންމެ ރަނގަޅު އުމުރަކީ ވިހީގެ ކުރީކޮޅެވެ. އެގޮތުން އެވްރެޖްކޮށް ބަލާއިރު 24 އަހަރަކީ އަންހެނުންގެ ދަރިމައިވުމުގެ ގާބިލިއްޔަތު އެންމެ ފައްކާވެފައި ހުންނަ އުމުރެވެ.

އުމުރުން 25 އަހަރަށް ފަހު ޖެހިގެން އަންނަ 10 އަހަރަކީ ދަރިމައިވުމުގެ ނިޒާމް ކުޑަކޮށް މަޑުޖެހުނު ކަމުގައި ވިޔަސް މި އުމުރަކީ ވެސް ބަލިވެ އިނުމަށް ރަނގަޅު އުމުރެކެވެ. ނަމަވެސް މި އުމުރުގައި ބައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ބުނެ އެވެ.

ތިރީހުގެ ފަހުގެ އަހަރުތަކަކީ ވެސް ބަލިވެ އިނުމުގެ ފުރުސަތު 78 ޕަސެންޓް އޮތް އުމުރެއް ކަމަށް ޑޮކްޓަރުން ލަފާ ދިން ނަމަވެސް މި އުމުރުގައި ބަލިވެ އިނުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ ދާނެ އެވެ.

އުމުރުން 40 އަށްވުރެ ފަސްވެ، އިއްދައިން ކެނޑެންދެން އަންހެނުންގެ ބިހުގެ ސިއްހަތު ދަށްވެ، ދަރިމައިވުމުގެ ފުރުސަތު ކުޑަވަމުންދެ އެވެ. މި އުމުރުގައި ބަލިވެ އިންކަމުގައި ވިޔަސް މާބަނޑު ދުވަސްވަރު އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮވެ އެވެ.

އުމުރުގެ އިތުރުނުް ދަރިމައިވުމަށް އަސަރުކުރާ ގިނަ އެހެން ކަންތައްތަކެއް ވެސް ހުރެ އެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުން ވެސް ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ވެސް ދަރިމައިވުމަށް އަސަރު ކުރެ އެވެ.